ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު އެރަށުގައި އަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރެއްވުމަށް އަހުމިއްޔަތުކަން ދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިންސާނީ ވަސީލަތްތަކުގެ އެހީގައި ސިއްހީ ހިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ހިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވައުދެއްކަމުގައިވާ، އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރެއްވުމުގެ މަޝްރޫއަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އެކަމާމެދު މިދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން ނުކުރެއްވުން ނޫންކަމުގައި ވިދާޅުވެފައެވެ. އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަތޮޅުގެ ރައްޔިތުންނަށް ދެއްވާފައެވެ..

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނުގެ ރިޔާސީ ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއްގެ އެކި މަރުހަލާތައް ފައްޓަވައިދެއްވާފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާފައެވެ. އަދި ހިތަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވައި، ހިތަދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ވޮލީބޯޅަ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި، ހިތަދޫ-ކުނަހަންދޫ ކޯޒްވޭ މަޝްރޫއު އިފުތިތާހުކުރައްވާފައެވެ. މީގެއިތުރުން، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި، ހިތަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމޭނޭކަމަށާއި، ހިތަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނޭކަން ހާމަކުރައްވާފައެވެ.