މާރާމާރީ ހިންގުމަށް ތައްޔާރު ކޮށްފައިވާ ތޫނު ހަތިޔާރު އައްޑޫ ސިޓީ ހިތަދޫން ފުލުހުން ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ތަކެތި ހޯދާފައި ވަނީ ހިތަދޫގައި ގްރޫޕު ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރު ކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ.

އެ އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ވަނީ ހަރަކާތްތެރި ވެފައެވެ.

އައްޑޫ ސިޓީގައި މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ތުހުމަތު ކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެތިބޭ މީހުން ބަލައި ފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ.

އައްޑޫ ސިޓީގައި ހިނގާ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މީގެ ކުރިން ވެސް މާރާމާރީ ހިންގުމަށް ތައްޔާރު ކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި ދަނގަޑުބުރިތަކެއްގެ އިތުރުން އެހެނިހެން އާލާތްތައް ވަނީ ހޯދާފައެވެ.

އައްޑޫގައި މި މަހު ހިންގި 2 މާރާމާރީއަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ހައްޔަރު ކޮށްފައިވާ އިރު އެކަކު ވަނީ ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައެވެ. ދެން ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ވަނީ ކޯޓުން އަމުރު ނެރެފައެވެ.