ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފު ޝަރީއަތް ލަސްވުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވަން ޖެހޭނެ ކަމަށާއި އަނިޔާވެރިކަން ހުއްޓުވޭނީ ރައީސްއާ ހިސާބުން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ.

އޭގެ މަސްތަކެއް ފަހުން އެ މައްސަލައިގައި ހިމެނޭ ޖޫރިމަނާ ފައިސާ (52.6 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު، ދައުލަތުގެ އެއްވެސް ބާރެއްގެ ހިންގުން ހީނަރު ވިޔަސް، އަވަސް ކުރަން ގާނޫނުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންގެވުމަކީ އެ މަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ރައީސް ޔާމީންއަށް އިންސާފް ލިބުން ލަސްވުމުގެ ޒިންމާ ރައީސް ސޯލިހް އުފުއްލަވަން ޖެހޭނެ. އަނިޔާވެރިކަން ހުއްޓުވޭނީ ރައީސްއާ ހިސާބުން
ޣައްސާން

ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެވޭ ފުރުސަތު ވަނީ ހަނިވެފައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ މައި އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނުކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައީސަށް ބޮޑު ވާދައެއް ދެއްވާނެ ކަމަށް ބެލެވޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެމްޕެއިނާއި ޔާމީންގެ ކެމްޕެއެިން ވަނީ ނުފެށިއެވެ.

އެއާ ހިލާފަށް ރައީސް ސޯލިހު ކެމްޕެއިން ފަށާ އަތޮޅު ތެރޭގައި ކެމްޕެއިންގެ ހަރަކާތްތައް ވަނީ ފުޅާކޮށްފައެވެ.