އާބަންކޯ އިން ހިންގާ 6 ވަނަ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި މިޕްރޮގްރާމް އިފްތިތާހް ކުރުމަށް ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ޑައިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމްގެ އިތުރުން އާބަންކޯގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އާބަންކޯ އިން ބުނީ އެ ކުންފުނީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަގްސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލް މީހުން ބިނާކުރުންކަމަށެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ފަރާތްތަތަކަށް ފުރުސަތުތަކެއް ހުޅުވަލުމާއެކު ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދަ މަސައްކަތުގެ މާހައުލުގައި ބިނާކުރެނިވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުންކަމަށެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުން ކަމަށެވެ.

އާބަންކޯގެ އެމްޑީ އަހްމަދު އާތިފް ވިދާޅުވީ ސަރުކާރުގެ 3000 ޒުވާނުން ތަމްރީނުކުރުމަށް ފަށާފައިވާ އަމާޒުގައި އާބަންކޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި ގައުމު ތަރައްގީ ކުރުމުގައި، ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އާބަންކޯއިން ކުރާނެކަމުގައި އާތިފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އާތިފް ވިދާޅުވީ ގިނަ ދާއިރަތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާ ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމަށެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 ފަރާތަކަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި 11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު މި ދާއިރާތަކަކީ ހެވީވެހިކަލް، ވެލްޑިންގ، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކްއެވެ. އަދި އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ހައުސްކީޕިން، ފްރަންޓް އޮފީސް ސާވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަންގެ އިތުރުން ޕެއިންޓިން އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.

އާބަންކޯގެ އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އާ އެކު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް-19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުއެވެ.