ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު މ. ކޮޅުފުއްޓަށް ލިބުނު ގެއްލުން ފޫބެއްދޭވަރުގެ ނަތީޖާއެއް ނެރެވޭ މަސައްކަތެއް ކުރެވިގެން ދިޔައީ މި ސަރުކާރުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ ރައީސް ސޯލިހަށް ކޮޅުފުށިން 65 ޕަސެންޓް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކޮޅުފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި އިމްރާން ވިދާޅުވީ 2004 ވަނަ އަހަރަށް ފަހު މިހާތަނަށް ހިނގައިދިޔަ ހުރިހާ ކަމެއް އެ ރަށުގެ ގިނަ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
މި ގޮތުން ސުނާމީގެ ސަބަބުން ކޮޅުފުށީގެ ތިންބައިކުޅަ އެއްބައި ރަށާ ވަކިވެ ހަލާކުވެގެން ދާތީ ކުރީގެ ސަރުކާރުތަކުގައި ރަށުގެ ރައްޔިތުން އާދޭސް ކުރިކަމަށް އިމްރާން ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަން އެ ސަރުކާރުތަކަށް ނުފެނުނު ކަން ފާހަގަ ކުަރައްވައި އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ހަތަރު އަހަރު ނުވަނީސް ރަށް ހިމާޔަތް ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ތަކަކީ ފުއްދޭނެ ވައުދުތަކެއް ކަން ފާހަގަކޮށް އިމްރާން ވަނީ ކެމްޕެއިން އިތުރު ގިޔަރަކަށް ލައިގެން މި އިންތިހާބު ރައީސް ސޯލިހްއަށް ކާމިޔާބު ކޮށްދިނުމަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އިމްރާން ވަނީ ރައީސް ސޯލިހްއަށް ކޮޅުފުށިން އެންމެ މަދުވެގެން 65 ޕަސެންޓް ވޯޓު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މިއަދު ރައީސް ސޯލިހް މ. އަތޮޅަށް ފެއްޓެވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅުގައި ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ވ. އަތޮޅަށެވެ.