އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި ކ. އަތޮޅުގެ ފަޅެއް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސަރުކާރުން ދީފިއެވެ.
އއ. އަތޮޅުން ޖާބިރަށް ދީފައި އޮތް މަތިވެރި ފިނޮޅު ސަރުކާރުގެ ބޭނުމަށް ނަގަންޖެހޭ ކަމަށް ބުނެ ސަރުކާރުން އެތަނުގެ ބަދަލުގައި ކ. އަތޮޅުގެ ޕްރައިމް ލޮކޭޝަނެއްގައި އޮތް ފަޅެއް ޖާބިރަށް ދޫކޮށްފައިވާކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. މާލެ އަތޮޅުން ޖާބިރަށް ދޫކުރި ފަޅަކީ ގާފަރު ކައިރީގައި އޮތް ފަޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އއ. އަތޮޅުގައި އޮތް ފިނޮޅެއްގެ ބަދަލުގައި މި ފަޅު ދޫކުރީ އެއްވެސް ފައިސާއެއް، ޖާބިރު އިތުރަށް ދޭންނުޖެހޭ ގޮތަށެވެ.
މާލެ އަތޮޅުން ފަޅެއް ޖާބިރަށް ދޫކޮށްފައި ވާއިރު ޖާބިރު ގެންދަވަނީ އެމްޑީޕީއާ ގުޅި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވަމުންނެވެ.
ޖާބިރު ވަނީ އިންތިހާބުގައި ޑޮލަރު ބަހައިގެން ވިޔަސް ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މަތިވެރި ފިނޮޅަކީ އއ. މަތިވެރީ ފަޅު ތެރޭގައި އޮންނަ ހަނިހަނި ކުޑަ ފިނޮޅެކެވެ. އެ ފިނޮޅު، ރަށުގެ އިހްތިސޯސް ތެރޭގައި ހިމަނައި ދިނުމަށް މަތިވެރި ކައުންސިލުން ވަނީ އެދިފައެވެ.
މީގެ ކުރިން ޖާބިރު ވަނީ މަތިވެރި ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު އިއުލާން ކުރައްވާފައެވެ. މިގޮތުން އެތަނުގައި 100 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރަން އޭރު ނިންމިއެވެ.