މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެ އަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު ނަގައިފިއެވެ.

މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

މިގޮތުން، މިފަހަރު ހުޅުވާލި 23 ޕްލޮޓަށް 190 ފަރާތަކުން ފޯމު ހުށަހަޅާފައި ވާއިރު 23 ޕްލޮޓުގެ ހައްގުވެރިން ކަނޑައެޅުމުގައި އެ ކޯޕަރޭޝަންގެ ފަރާތުން ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ގޮސް ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، މި ސާވޭއިން ބެލިބެލުމުގައި، ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގާ ގަރާޖުތައް ބަލާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން މިފަހަރު ހާއްސަކަމެއް ދީފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށް ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

މި ފަހަރު ހުޅުވާލެވުނު ފުރުސަތުގައި ދިނުމަށް ހަމަޖެހިފައިވާ ޕްލޮޓްތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފަށައިގެން 1447 އަކަފޫޓު ހުންނާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ މިފަހަރު ލިބުނު ތަރުހީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓުތައް ވެސް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.