ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ޕީޕީއެމް އިން ކެނޑިނޭޅި ބުނަމުންދަނީ ރައީސް ޔާމީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. އެއާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް އެމަނިކުފާނާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި މިއަދު ވަނީ ރައީސް ޔާމީންގެ ކެމްޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައެވެ.

ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޕީޕީއެމްގެ ޓީމުން ދަނީ ޒިޔާރަތް ކުރަމުންދާއިރު ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގައި ރަސްމީކޮށް ކެމްޕެއިން ފަށާފައިވެއެވެ. މާލޭ ސަރަހައްދުގައި ވެސް ދޮރުން ދޮރަށް ހިނގުން ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ. ޔާމީންގެ ކެމްޕެއިން ޝިއާރަކަށް ކަނޑައަޅާފައިވަނީ "ދިވެހީޏްގެ ރާއްޖެ" މި ޝިއާރެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހަނިވެފައިވީ ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.