އާބަންކޯގެ ނަމުގައި ސައްހަނޫން މެސެޖުތައް ފޮނުވަމުންދާތީ އެފަދަ މެސެޖުތަކަށް ސަމާލުވުމަށް އާބަންކޯއިން އެދިއްޖެއެވެ.

އާބަންކޯގެ ނަމުގައި ފޮނުވާފައިވާ މެސެޖުގައި ވަނީ، މިރޭ 8:45 އަށް އާބަންކޯ މައި އޮފީހަށް ހާޒިރު ވުމަށް ދައުވަތު ދީފައެވެ. ނަމަވެސް އޮފީހަށް ހާޒިރުވަނީ ކޮން ބޭނުމެއްގައި ކަމެއް މެސެޖުގައި ނެތްއިރު، އެއީ ކާކުކަން އެނގޭނެހެން އެ ފަރާތެއްގެ އައިޑީ ގެނައުމަށް މެސެޖުގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އާބަންކޯއިން ބުނީ، ހެޑްއޮފީހަށް ހާޒިރުވުމަށް އަންގާ އެކޯޕަރޭޝަނުން މެސެޖު ނުކުރާނެ ކަމަށާއި ފައިސާ އާއި ބެހޭ އެއްވެސް މުއާމަލާތެއް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް އެކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށެވެ. އެހެންކަމުން އެފަދަ މެސެޖުތަކަށް ސަމާލުވުމަށް އާބަންކޯއިން މިވަނީ އިލްތިމާސް ކޮށްފައެވެ.

އާބަންކޯގެ ނަމުގައި މީގެ ކުރިންވެސް ފޭކް މެސެޖުތަކެއް ވަނީ ފޮނުވާފައެވެ. އެގޮތުން ފްލެޓެއް ލިބިފައިވާ ކަމަށާއި، ފްލެޓަށް ފައިސާ ދެއްކުމަށް އެދި ފޭކް ލިންކުތަކެއް ވެސް ވަނީ ފޮނުވާފައެވެ.

އާބަންކޯގެ ނަމުގައި ސްކޭމްއެއް ހިންގާތީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްއިން ވެސް ވަނީ ސަމާލުވާން އެދިފައެވެ. މީގެ ކުރިންވެސް އާބަންކޯގެ ނަމުގައި ސްކޭމް ކޯލްތައްކޮށް އެތައް ބައެއްގެ އަތުން ވަނީ އޮޅުވާލައިގެން ފައިސާ ހޯދާފައެވެ. އެގޮތުން ބަލާއިރު އާބަންކޯގެ ނަމުގައި ފޯނުކޯލު މެދުވެރިކޮށް ކަސްޓަމަރެއްގެ އަތުން އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން 70،000 އަށްވުރެ ގިނަ އަދަދެއްގެ ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ބޭންކަށް މިދިޔަ މަހު ވެސް ލިބިފައިވާ ކަމަށް ބޭންކުން ބުނެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.