ރިޝްވަތު ދިނުމާއި ސަރުކާރުގެ މުއައްސަސާތަކް ނުފޫޒު ފޯރުވުމުގައި ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރުހާ ހުދުމުހުތާރު ސަރުކާރެއް ފެނިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އޮތް ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުންދާ ކަމަށެވެ.
ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މި ސަރުކާރު ފަދަ ސަރުކާރެއް ނުދެކޭ ކަން ފާހަގަ ކުރައްވާ އަދުރޭ ވިދާޅުވީ ސަރުކާރުން ވަޒީފާ ދިނުމުގައި ނުފޫޒު ފޯރުވާ ކަމަށާއި ބަޖެޓުގަ ނެތް ކަންކަމަށް ހަރަދު ކުރުމުގެ އިތުރުން ނުފުއްދޭ ފަދަ ވައުދުތައް ވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ބޭނުންނުވާ ކަމެއް ކުރާނަމަ އެ މުއައްސަސާގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ބަޖެޓުގައި ނުޖަހާ ކަންކަން ކުރުމަކީ ޕީޕީއެމްގެ ސިޔާސަތެއް ނޫން ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ކުޑަ މިނުން މަޝްރޫއެއްގެ ދެބައި ކުޅަ އެއްބައި ފައިސާ ބަޖެޓުގެ ޖަހާފައި ނެތް މަޝްރޫއެއް ހިންގުމަށް ހަވާލުކޮށްފައި ނުވާނެ ކަމަށެވެ.
އިންސްޕާ އަދި އާސަންދަ ސަރުކާރުގެ ކެމްޕެއިންއަށް ހަރަދު ކުރާ ބަޖެޓަކަށްވެފައިވާ ކަމަށާއި މި ލެވެލްއަށް ކަންތައް ދިޔުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފައި ވަނީ އެ މެންބަރުންގެ ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާ ކުރުމަށް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އެގޮތުން އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންއާ ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ފުރުސަތު އީސީ މެދުވެރިކޮށް ފަހިކޮށްދެވޭތޯ އެދިފައިވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
ރިޔާސީ އިންތިހާބަށް ބަރާބަރު 2 މަހަށް ވެފައިވާއިރު ޔާމީންއަށް ރިޔާސީ ކެމްޕެއިންގަ ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު އެއްވެސް ވަރަކަށް ލިބިވަޑައިނުގަންނަވާ ކަމަށާއި ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކެއް މި ސަރުކާރުން ނިގުޅައި ގަންނަމުންދާ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.