މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ހދ. މަކުނުދޫގައި އެއާޕޯޓު އަޅާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ މަކުނުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެއާޕޯޓެއް އެޅުމުގެ އުއްމީދުގައި އެ ރަށުގެ ރައްޔިތުން ތިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި 1،200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓެއް އެ ރަށުގައި އަޅާދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ރައްޔިތަކު އެކަމާ ދެކޮޅުވެރި ނުވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އަދި އެ ރަށުގެ ރައްޔިތުން ކަނޑުގައި އުފުލަމުންދާ ތަކުލީފަކީ ބޮޑު ތަކުލީފެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އެކަންކަމަށް ނިމުމެއް ގެނެސްދިނުމަށް އެ ރަށުގައި އެއާ ޓެކްސީގެ ހިދުމަތް ފޯރު ކޮށްދޭނެ ކަމަށެވެ. އެއާ ޓެކްސީ އަކީ ވަގުތީ ހައްލެއް ކަމަށާއި މާލެ ދަތުރުފަތުރު ކުރުމަށް ދާއިމީ ހައްލު ލިބިގެންދާނީ އެއާޕޯޓު ތަރައްގީ ކޮށްގެން ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރޭ މަކުނުދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

މީގެ އިތުރުންވެސް ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މަކުނުދޫގައި ހޮސްޕިޓަލެއް އަޅައި ގައިނޮކޮލޮޖިސްޓުންނާ އެކުގައި ރަށުގައި ގައިނޮކޮލޮޖީ ވޯޑެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ސްކޭން ކުރެވޭނެ ގޮތާއި އެކްސްރޭ ކުރެވޭނެ ގޮތް ވެސް ހަދާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މަކުނުދޫގައި 14 ގެސްޓްހައުސެއް އަޅާ ޒުވާނުންނަށް ގެސްޓްހައުސްގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަކުނުދޫ އަކީ ހުރިހާ ސަރުކާރަކުން ވެސް އަޅާލުން ކުޑަ ރަށެއް ކަމަށާއި އެ ރަށުގައި ގިނަ ކަންތައްތަކެއް ކުރާތަން ފެންނަމުން ނުދަނީވެސް އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓު ސީޒަނާ ދިމާކޮށް ސަރުކާރުގެ އިސް ބޭފުޅުން ފެނުމަކީ ގާތް ކަމެއް ކަމަށާއި މަކުނުދޫ އެކަހެރި ކަމުން ސަލާމަތް ކުރައްވާނެ ބޭފުޅަކީ އޭނާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.