"ދިވެހި ފިލްމު އެވޯޑްސް 10" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސްއިން ކުރި އިއުލާނުގައި ބުނީ މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒް ކޮށްފައިވާ ފިލްމުތައް ކަމަށެވެ. މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 16، 2023 ވާ އާދީއްތަ ދުވަހުގެ 13:30އެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސްއިން އިން ބުނީ މި އެވޯޑް ދިނުމުގެ ބޭނުމަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށެވެ.

ދިވެހި ފިލްމު ފެސްލިޓީގައި ހިމެނެނީ ކޮމްޕެޓެޓިވް ކެޓެގަރީ އަދި ނޮން ކޮމްޕެޓެޓިވް ކެޓެގަރީއެވެ. ކޮމްޕެޓެޓިވް ކެޓަގަރީގައި ބައިވެރި ކުރެވޭނީ ދިވެހި ފިލްމު އެވޯޑްސް ގައި ވާދަ ކުރާ އެންމެހައި ދިވެހި ފިލްމްތަކެވެ. އަދި ނޮން ކޮމްޕެޓެޓިވް ކެޓަގަރީގައި ބައިވެރި ކުރެވޭނީ ރާއްޖޭގައި އުފައްދައިފައިވާ ފީޗާ ފިލްމުތަކާ ރާއްޖެއިން ބޭރުގައި އުފައްދާފައިވާ ފީޗާ ފިލްމްތަކެވެ. އަދި މުޅިން އަލަށް ޕްރެމިއާ ކުރާ ފިލްމުތަކާ އަދި ކުރީގެ ފިލްމުތައްވެސް މި ބައިގައި ބައިވެރިކުރެވިދާނެއެވެ.

ދިވެހި ފިލްމު ފެސްޓިވަލް އާއި ދިވެހި ފިލްމު އެވޯޑްސް ބާއްވާނީ މީލާދީ ކަލަންޑަރުން ކޮންމެ ދެ އަހަރުން އެއް އަހަރުއެވެ.