ސްރީލަންކާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތިން ކުޅުންތެރިންނާއި އޭއެފްސީ އެލީޓް ރެފްރީންނާއެކު ހއ ކެލާ ކައުންސިލްގެ "ކެލާ ސުޕާ ލީގު" ކުރިއަށް އެބަދެއެވެ.

އޭއެފްސީ އެލީޓް ރެފްރީންގެ ގޮތުގައި ބައިވެރި ވަނީ ހުސައިން ސިނާނާއި އާދަމް ފަޒީލްއެވެ. މީގެ ތެރެއިން ރެފްރީ ހުސައިން ސިނާން ވަނީ ނިމި ދިޔަ ސާފް ޗެމްޕިއަންޝިޕް ގައި ވެސް ރެފްރީކަން ކޮށްފައެވެ.

ޖުމްލަ ހަތަރު ޓީމާއެކު ކުޅެމުން ދާ މި މުބާރާތުގައި ލަންކާގެ ތިން ކުޅުންތެރިން ކުޅެނީ ވިންސެންޑޯ ޑި ސިންކިއު ޓީމަށެވެ. މިއީ މި މުބާރާތުގައި ބޭރުގެ ކުޅުންތެރިން ބައިވެރިވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ކެލާ ސުޕާ ލީގްގައި ކުޅުނު މެޗްގެ ތެރެއިން / ފޮޓޯ: ކެލާ ކައުންސިލް

ފުރަތަމަ މެޗުގައި ބައްދަލުކުރި ކެލާ ވެޓާރެންސް އެފްސީ އާއި ކުލަބް ޔުނައިޓެޑް ކެލާ ކުޅެގެން 2-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ކުލަބް ޔުނައިޓެޑް ކެލާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކުލަބް ޔުނައިޓެޑް ކެލާގެ ޖާޒީ ނަމްބަރު 11 މުހައްމަދު ލަޔާނެވެ.

ދެވަނަ މެޗް ވިންސެންޑޯ ޑި ސިންކިއު ކާމިޔާބު ކޮށްފައި ވަނީ 0-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވިންސެންޑޯގެ ޖާޒީ ނަމްބަރު 37 ނައުޝާދުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 40،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައި ވާ އިރު، ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެއާ ޕުލޭ ޓީމަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކެލާ ސުޕާ ލީގުގެ މެއިން ސްޕޮންސަރުންނަކީ ސަމާޒް މޯލްޑިވްސް އަދި އެސްޓީއޯއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާއި އޯޝަންސް ގުރޫޕް މޯލްޑިވްސްއެވެ.