ހަތަރު ރަށެއްގެ ކައުންސިލްގެ ބައި އިލެކްޝަން ކުރިއަށް އޮތް ޑިސެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަންތައް ބާއްވަން ހަމަޖެހިފައިވަނީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރަކު އައްޔަން ކުރުމަށާއި، އދ. ހަންޏާމީދޫއާއި ނ. މާފަރު ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުން ތ. ގުރައިދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމަށް ކަމަށެވެ.
މި 4 ރަށުގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 16ވާ ހޮނިހިރު ދުވަހުގައިކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ.
އަދި ވޯޓުލުން ކުރިައަށް ދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކަމަށްވާއިރު އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށްވެސް ހަބީބް ވިދާޅުވެފައި ވެއެވެ.
މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި އެ ކަމަށް އެދޭފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. މީގެ ކުރިން މި އަހަރުގެ ތެރޭގައި ވެސް އެކިއެކި ބައި އިލެކްޝަންތައް އީސީން ވަނީ ބާއްވާފައެވެ.