އަންނަ ބޮޑު އީދާ ދިމާކޮށް ހއ. ކެލާގައި އީދު ޝޯވް ދިނުމަށް އިންޑިއާ ބޭންޑެއް ގެންނަން ހަރަދު ކުރުމަށް 4 ލައްކަ ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންިސލްގެ ރައީސް އަބުދުﷲ އިންފާޒް ރަޝީދު ވިދާޅުވީ، އަންނަ ބޮޑު އީދު ތަފާތުކޮށް ގެނެސް ދިނުމަށް މި ފަހަރު އީދު ޝޯވްގައި ކުޅެން އިންޑިއާގެ ބޭންޑެއް ގެންނަން ނިންމާފައިވާ ކަމަށާއި އެ ބޭންޑް ގެނައުމުގެ ކަންކަމުގެ ހަރަދަށް ކައުންސިލުން 4 ލައްކަ ރުފިޔާ ހަރަދު ކުރަން ފާސްކޮށްފައިވާ ކަމަށެވެ. އެ ހަރަދުތަކުގެ ތެރޭގައި އެމީހުންގެ ދަތުރުފަތުރުގެ ހަރަދާއި ހުރުމާއި ކެއުމާއި އަދި ޝޯވް ދިނުމުގެ ފީގެ އަގުތައް ހިމެނިފައި ވާ ކަމަށް އިންފާޒް ވިދާޅުވިއެވެ.
ކެލައަކީ އާންމުކޮށް ވެސް ބޮޑު އީދު ވަރަށް ކުލަ ގަދަކޮށް ފާހަގަކުރާ ރަށެކެވެ. ސަގާފީ ހަރަކާތްތަކާއި ރައްޔިތުންގެ ތެރޭގައި އީދުގެ ފޯރިއާއި އުފާވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ތަފާތު ކުޅިވަރުތަކާއި އީދު ޝޯވް އާއި އީދު ދުވަހު ކުލަ ޖެހުމާއި ބޮޑުމަސް ދުއްވުމުކީ އެ ރަށުގައި އާންމުކޮށް އީދުގައި ހިންގާ ހަރަކާތްތަކެވެ.
އެ ގޮތުން މިދިޔަ އަހަރު އީދު ޝޯވް ދިނުމަށް ރާއްޖޭގެ ރެޕް ލަވަ ކިޔާ ބޭންޑެއް އެ ރަށަށް ގެންގޮސްފައިވާ އިރު މިއަހަރު އިންޑިއާ ބޭންޑެއް ގެންނަން ނިންމީ ތަފާތެއްގެ ގޮތުންނާއި އެ ރަށުގައި ޝޯވް ދޭނެ ބަޔަކު ނެތުމުން ކަމަށް އެ ކައުންސިލުން ބުނެއެވެ. ހަމައެއާއެކު ރާއްޖޭގެ ބޭންޑެއް ގެންދިޔަޔަސް އެހާވަރުގެ ހަރަދެއް ކުރާ ކަން ފާހަގަ ކުރައްވަމުން އިންފާޒް ވިދާޅުވީ، އިންޑީއާއިން އެ ރަށަށް ގެންނަ ބޭންޑަކީ ވަކި މަޝްހޫރު ސެލެބްރިޓީން ހިމެނޭ ބޭންޑެއް ނޫން ކަމަށާއި ނަމަވެސް އެއީ އީދު ޝޯވް ފަޅުފިލުވާލަ ދެވޭ ވަރުގެ ބޭންޑެއް ކަމަށެވެ.
އީދު ދުވަހުގެ ހަރަކާތްތައް: ޖޫން 28
- އީދު ނަމާދު - 7:00
- އީދު ބޮނޑި ކެއުން - 8:15
- ކުރުފަލި އަންހެނުންގެ ހަރަކާތް - 16:15
- މާލި ލަވަ / ބޮޑު މަސް ދުއްވުން - 8:45
އީދު ދުވަހުގެ ހަރަކާތްތައް: ޖޫން 29
- ދެލި މާލި - 9:00
- އަންހެނުންގެ ދަފި ނެގުން - 16:15
- އީދު ޝޯވް އިންޑިއާ ބޭންޑް - 20:45 އިން 00:00
އީދު ދުވަހުގެ ހަރަކާތްތައް: ޖޫން 30
- އީދު ކުލަ ޖެހުން - 9:00
- މުލީ މީޙުންގެ ސަގާފީ ހަރަކާތް - 16:15
- އީދު ޝޯވް އިންޑިއާ ބޭންޑް - 20:45 އިން 00:00
އީދު ދުވަހުގެ ހަރަކާތްތައް: ޖުލައި 1
- ވާ ދެމުމުގެ މުބާރާތް - 7:00
- މަލިކު ދަނޑި - 16:15
- އީދު ޝޯވް އިންޑިއާ ބޭންޑް - 20:45 އިން 00:00
އިންޑިއާއިން އެރަށަށް ގެންދާ ބޭންޑްގެ ޝޯވްތައް ދިނުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 އާއި 30 އަދި ޖުލައި 1 ވަނަ ދުވަހުގެ ރޭގަނޑު 8:45 އިން 12:00 އާ ހަމައަށެވެ.
އީދަށް މިއަހަރު ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ހައްޖު ދުވަހުގެ ކުރީ ދުވަހު މަސް ރޭހެއް ބާއްވަން ވަނީ ނިންމާފައެވެ. މި މަސްރޭހަށް ފަހު ހައްޖު ދުވަހުގެ ރޭ 9:00 ގައި އެ ރަށުގައި ހަވާ އަރުވަން ހަމަޖެހިފައިވާ އިރު ހަވާއެރުވުމަށް ފަހު މުޅި ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ ބާބަކިއުއެއް ވެސް ވަނީ އިންތިޒާމް ކޮށްފައެވެ. މީގެ ހަތަރު އަހަރު ކުރިން ކެލާގައި ހަވާ އަރުވާފައި ވެއެވެ. އެއަށް ފަހު މިއީ އެރަށުގައި ހަވާ އަރުވާ ދެވަނަ ފަހަރު ކަމަށް އެ ކައުންސިލުން ބުނެއެވެ.
އީދުގެ ހަރަކާތްތަކުގެ ތެރޭގައި މިއަހަރު ވެސް ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަން ފާހަގަ ކުރަމުން އެ ރަށުގެ ކައުންސިލުން ބުނީ، މުލީ މީހުންގެ ހާއްސަ ސަގާފީ ހަރަކާތެއް ވެސް މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:15 ގައި ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ ކަމަށެވެ.
2264 މީހުންގެ އާބާދީއެއް އޮތް ކެލާގައި 1200 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު، އީދާ ދިމާކޮށް އެރަށަށް ގިނަ އަދަދެއްގެ ބަޔަކު ދާނެ ކަމަށް އިންފާޒް ވިދާޅުވިއެވެ. މިހާރު ވެސް އެ ރަށުގައި ހުރި ގެސްޓްހައުސްތަކުގެ ބުކިން ފުލް ވެފައިވާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އާންމުން ދިރިއުޅޭ ގެތަކުގައި ކުއްޔަށް ދޭ ކޮޓަރިތައް ވެސް މިހާރު މީހުން ބުކް ކުރަމުން އަންނަ ކަމަށެވެ. އަދި އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނާތީ އީދު ޝޯވް ބާއްވާ ރޭތަކަށް އަތޮޅު ތެރެއިން ވެސް މީހުން އެ ރަށަށް ދާނެ ކަމަށާއި މުޅި ރަށުގެ އާބާދީއަށް ވުރެ ވެސް ގިނައިން އީދު ތެރޭ އެރަށް މީހުން އަރާނެ ކަމަށް ބެލެވޭ ކަަމަށް އިންފާޒް ވިދާޅުވިއެވެ.