އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ރަށްރަށުގައި މިއަދު ފަށާނެ ކަމަށާއި، ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފުގެ މައްސަލަ ނުނިމުނަސް، އެމަނިކުފާނުގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާނެ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ވަނީ ޔާމީނަށް ތާއީދު ހޯދުމުގެ ގޮތުން، މާލޭގައި ދޮރުން ދޮރަށް ހިނގާ ކެމްޕެއިން ހަރަކާތްތައް ފަށާފައި ވަނީ ޔާމީންގެ ކެންޑިޑެސީ އާ މެދު ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

ގާނޫނުގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެގެން 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ ނަމަ، އެ މީހަކު އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައި ވާން ޖެހޭނެއެވެ.

ނަމަވެސް، މިހާރު ކުރިއަށްދާ އިސްތިއުނާފްގެ މައްސަލަ ނިމުނަސް ނުނިމުނަސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ސަބަބަކީ ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ނެތުމުން ކަމަށް، އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކީގައި އެންމެ ފުރަތަމަ ގެންގޮސް އިލެކްޝަންސް ކޮމިޝަންގައި ފައިލް ކުރާނީ ޔާމީންގެ ނަމެވެ.

މާލޭގައި މިދިޔަ ހޯމަ ދުވަހު ކެމްޕެއިން ހަރަކާތްތައް ފަށާފައިވާއިރު، ރަށްރަށުގައި މިއަދު ކެމްޕެއިން ހަރަކާތްތައް ފަށާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި މިއަދު ކެމްޕެއިން ފަށާނެ ކަމަށާއި، އެއަށްފަހު ހަރަކާތްތައް ފުޅާކޮށް ހުރިހާ ރަށެއްގައި ކެމްޕެއިން ފެށިގެން ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ހުރިހާ އިންތިޒާމުތައް ޔާމީންގެ ކެމްޕެއިން މެނޭޖަރުގެ އޮފީހުން ހަމަޖައްސައި މައުލޫމާތު ހިއްސާކުރާނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިދިކޮޅުން ވަނީ "ދިވެހީންގެ ރާއްޖެ، ރައީސް ޔާމީން 2023"ގެ ނަމުގައި ޔާމީންގެ ކެމްޕެއިންގެ ޝިއާރު ވެސް މިއަދު ލޯންޗުކޮށްފައެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެންމެ ރަނގަޅު ގޮތަކީ ޔާމީނާއި ހުދު ނަޝީދު ވެސް އިންތިހާބުގައި ވާދަނުކުރުން ކަމަށާއި، ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލިކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރުން ކަމަށެވެ. ނަމަވެސް ޕީޕީއެމުން ވަނީ ޔާމީން ނޫން ގޮތެއް ނެތް ކަމަށާއި، އެހެން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ.