ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމެންޓުތަކުގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ "ހަންބޯ ކޮމްޕެނީ"ގެ ނަމުގައި މަކަރާއި ހީލަތުން އެޕާޓްމެންޓުތައް ވިއްކިކަމުގެ ތުހުމަތު އޮތް އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރު ކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި މަންޑޭ ހައްޔަރުކޮށްފައި ވަނީ އޭނާ ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އެދިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމުރާ އެކުގައެވެ. މަންޑޭ ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން އަމުރެއް ނެރުނީ އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ބާތިލްކުރުމާ އެކުގައެވެ.

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމާ އެކު އޭނާ ފުރަން އިއްޔެ މަސައްކަތްކުރި ނަމަވެސް ފުރޭ ގޮތް ވަނީ ނުވެފައެވެ.

ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި ހަންބޯ ކުންފުނިން މަމްދޫހްގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އާބަންކޯގެ އިތުރުން، ހަންބޯ ކުންފުނިން ވެސް ވަނީ މަމްދޫހުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފައެވެ. އަދި ފުލުހުން އަންނަނީ މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން މިދިޔަ ހަފްތާގައި އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައިވެއެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފަިއވާ އިރު، އަދިވެސް ފުލުހުން ދަނީ ޖިނާއީ ތަހުގީގު ހިންގަމުންނެވެ.