މުވައްޒަފުންގެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމަށްވާ "ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލޭޖް" (އެންއެމްޔޫސީ)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ މި އެމްއޯޔޫގެ ދަށުން ޕޯޓާ ގުޅުންހުރި އެކި ދާއިރާތަކުން އެމްޕީއެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން، މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު ލިބޭނެ ކަމަށެވެ. އަދި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މީހުން ބިނާކުރުމާއި ތައުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އެމްއޯޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްޕީއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ކޮންމެ އަހަރަކު ވެސް އެމްޕީއެލްގެ 6 މުވައްޒަފަކަށް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް މިއީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު

އެންއެމްޔޫސީގެ ޗެއާމަން ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއަދަކީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށާއި މި އެމްއޯޔޫގެ ދަށުން އެމްޕީއެލްގެ މުވައްޒަފުންނަށް ތައުލީމުގެ އިތުރުން މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ދެ ފަރާތުން ގުޅިގެން ދެ ފަރާތަށް ވެސް ފައިދާ ކުރާނެ މަސައްކަތެއް ކުރުން ކަމަށެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އެންއެމްޔޫސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ އެގްޒެކުޓިވް ޗެއާމަން ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ.

އެންއެމްޔޫސީއަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތައުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވާސިޓީއެކެވެ.