މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެމްޕީއެލް އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ބަނދަރުގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ވިދާޅުވީ، ބަނދަރު ހިންގުމުގެ އިތުރުން މެރިޓައިމް ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާއި، ގަވަނަންސް އަދި އިންސާނީ ވަސީލަތް ބިނާކުރުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދެވޭނީ މީހުން ބިނާކޮށްގެން ކަމަށް ވިދާޅުވެ، އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުން ކުރަމުންދާ މަސައްކަތްތަކަށް އޭނާ ތައުރީފުކުރެއްވިއެވެ.

މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ޝަފީގު ވިދާޅުވީ، އެ މަޝްރޫއު ކާމިޔާބުވާނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް އޭއައި އަދި ޒަމާނީ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގެ އޮޕަރޭޝަނަލް ސްޓޭންޑާޑް ގާއިމްކުރެވޭނީ މީހުން ބިނާކުރުމަށް އިންވެސްޓްކޮށްގެން. މި ފުރުސަތުގައި އަޅުގަނޑު ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުން ޕޯޓް ޓްރެއިނިން ސެންޓާ އިން ކުރަމުންދާ މަސައްކަތްތައް،"
ޝަފީގް

"Securing our seas, safeguarding our future" (ސެކުއަރިންގް އަވާ ސީޒް، ސޭފްގާޑިންގް އަވާ ފިއުޗާ) މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި މެރިޓައިމް ދާއިރާއާ ގުޅޭ މުހިންމު ފަސް ދާއިރާއަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުން 200 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

މި ކޮންފަރެންސްގެ މައިގަނޑު ސްޕީކަރުންގެ ތެރޭގައި އެމްއެސްއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ކެޕްޓަން އަހްމަދު ޒުބައިރު، ޑިފެންސް މިނިސްޓްރީގެ ބްރިގޭޑިއާ ޖެނަރަލް ޑރ. ހުސައިން އިބްރާހީމް، ތުރުކީގެ މެރިޓައިމް އެކްސްޕާޓް ޑރ. ކެޕްޓަން އިސަތު ގުޒައި، މެލޭޝިއާގެ ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖުގެ ފައުންޑާ ޕްރޮފެސާ ދަތޯ ސްރީ ޑރ. ކެޕްޓަން ރަޒާލީ ޔާކޫބް، ޑރ. އަޒްމަތު ޖަލީލް، ޔޫއެންގެ އަންކްޓަޑްގެ ޑރ. މާކް އައްސަފް، އަދި ވޯލްޑް މެރިޓައިމް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސާ ޑރ. ޗޮން ޖޫ ޗައެ ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން އެމްއެންޔޫގެ ޑރ. އަތާއުﷲ ރަޝީދު އާއި ކެޕްޓަން މުހައްމަދު ޒައިދު، އެމްޕީއެލްގެ އައިޝަތު ޝިމްލާ، ޓްރާންސްޕޯޓް މިނިސްޓްރީގެ ހުސައިން ނަޒީރު، ސެންޗޫރިއަންގެ ކެޕްޓަން އަހްމަދު މައުމޫން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކާނަލް އަހްމަދު މުޖުތަބާ އަދި މެލޭޝިއާގެ ޕީޓީޕީގެ ޝަރިޝެން ބިން ރެޒުއަން ވެސް ސްޕީކަރުންގެ ގޮތުގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގެ ހޯސްޓިން ޕާޓްނަރަކީ ވިލާ ޝިޕިން އެންޑް ޓްރޭޑިން އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް، ލޮޖިސްޓިކްސް ޕާޓްނަރަކަށް އެމްއެސްއެސް އަދި މެގަޒިން ޕާޓްނަރަކަށް މޯލްޑިވްސް މެރިޓައިމް ޖާނަލް ވަނީ ހަމަޖައްސާފައެވެ. ބްރޯންޒް ޕާޓްނަރުންގެ ތެރޭގައި އެލިއާ އިންވެސްޓްމަންޓްސް، ސެންޗޫރިއަން، ސަސީ ކޮންސްޓްރަކްޝަން އަދި ޔޫރޯ މާކެޓިން ހިމެނެއެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އިކޮނޮމިކް މިނިސްޓްރީ، އެމްއެންޑީއެފް، ފުލުހުންގެ ހިދުމަތް، އަންކްޓަޑް، އައިއޭޕީއެޗް އަދި އެމްއެންޔޫގެ އެއްބާރުލުމާއެކުގައެވެ.