ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށްޓަކައި އެ ޕާޓީއިން ދޮރުން ދޮރަށް ހިނގާ ކެމްޕެއިން ހަރަކާތް އިފްތިތާހު ކޮށްފިއެވެ.

މި ހަރަކާތް ރަސްމީކޮށް ފެށުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ޓީމުތަކުން މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ސުވާލުކޮށް ބޭނުންވާ މައުލޫމާތުތައް އޮޅުންފިލުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށެވެ.

އަދި ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާވެސް ހަވާލުވެ ހުންނެވި އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޔާމީން އަށް މި ސަރުކާރުން ކިތަންމެ އަނިޔާއެއް ކުރި ނަމަވެސް އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވަނީ މިގައުމަށް މިއަދު ވަމުންދާ ގޮތާ މެދު ކަމަށެވެ. އަދި ކެމްޕެއިންގެ ހަރަކާތްތަކުގައި ރަައީސް ޔާމީން ބައިވެރިވާނަމަ އެއީ ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނޫސްވެރިންނާ އަބްދުއްރަހީމް ވާހަކަދައްކަވަނީ
"އެމަނިކުފާނު ކަންބޮޑުވަނީ ރައްޔިތުން ބިކަވާތީ. ގައުމިއްޔަތުގެ އަސާސްތައް ގެއްލިގެން ދާތީ. އެކަންބޮޑުވުން އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ"
އަބްދުއްރަހީމް

ޕީޕީއެމުން ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށި ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހަނިވެފައިވީ ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.