ރިޔާސަތުން މަޖިލީހުގެ ގަވައިދު ބޭނުންކުރަމުން ދަނީ ނަހަމަގޮތުގައި ކަމަށާއި، މަޖިލީހުގެ ތެރެއިން އެކަމަށް ހައްލެއް ހޯދޭނެ ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށް، އެމްޑީޕީގެ މަޖިލިސް ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށްޓަކައި މިއަދަށް ތާވަލުކުރި ޖަލްސާ ފަސް މިނެޓު ވެސް ނުވަނީސް ވަނީ ނިންމާލައިފައެވެ. ރިޔާސަތުން ޖަލްސާ ކުރުކޮށްލާފައި ވަނީ ޕާޓީތައް ތަމްސީލުކުރާ ގޮތަށް އަނެއްކާ ވެސް ބަދަލު އައުމުން ކޮމިޓީ ރިޕޯޓު އަލުން މެންބަރުންނަށް ފޮނުވައި، އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމަށް މަޖިލީހުން ޖާގަދޭ ކަމަށެވެ.

ގަވައިދު ޖާގަ ނުދޭ ނަމަ، އެއް މައްސަލަ އަނބުރާ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވިީ، މަޖިލީހުގެ ގަވައިދު ބޭނުންކުރެވިގެން ދަނީ ކަނޑައެޅިގެން ނަހަމަ ގޮތުގައި ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ ތެރެއިން މި މައްސަލައަށް އަދިވެސް ހައްލެއް ހޯދޭނެއެވެ. އެހެން ގޮތެއް ނެތިއްޖެ ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އަސްލަމް ތަކުރާރުކުރެއްވިއެވެ.

"އެހެން ހުރިހާ މަގެއް އަޅުގަނޑުމެން ބަލާ ކަށަވަރުކުރާނަން އަޅުގަނޑުމެންނަށް ކުރިއަށް ދެވެންދެން، އެހެންނަމަވެސް ކުރިއަށް ދެވޭ ގޮތް ނުވެއްޖެ ނަމަ އަޅުގަނޑުމެން ދެން ދާން އޮންނާނީ ސުޕްރީމް ކޯޓު،"

މިއަދުގެ ޖަލްސާ އަށް މެންބަރުންނަށް ދައުވަތު ދިނީ އިއްޔެ ހަވީރު ކަމަށާއި، މަޖިލިސް ޗުއްޓީގައި އޮތުމުން ބައެއް މެންބަރުން ތިއްބެވީ ރަށުން ބޭރުގައި ކަން ފާހަގަކުރައްވައި އަސްލަމް ތުހުމަތުކުރައްވާ ގޮތުގައި، ނަޝީދު ބޭނުންވަނީ މަޖިލިސް ނުހިނގާނެ ފަދަ ގޮތަކަށް އަމަލުކުރެއްވުމަށެވެ. އެއާއެކު، މަޖިލިހުގެ ގަވައިދު ހިންގަވައިދެއްވުމަށް އަސްލަމް ނަޝީދުގެ އަރިހުން އިލްތިމާސްކުރައްވައި، ނޫންނަމަ އިސްތިއުފާ ދެއްވުމަށް ގޮވާލެއްވިއެވެ.