ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސް އިން ދެއްކި ވާހަކަތަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވީ ނަމަވެސް މިއަދު އިތުރު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ތާވަލު ކޮށްފިއެވެ.

ޑިމޮކްރެޓްސް އިން ބުނީ މިއަދުގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މެންދުރު 13:00 ގައި އޯޝަން ލައިބްރަރީގައި ކަމަށެވެ. މި [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ގެ ވެރިކަން ބަދަލުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރަށް ތިބިކަމަށް ދެ ޕާޓީންވެސް ބުނެފައި ވާއިރު މިއީ ދެ ޕާޓީ ގުޅިގެން ބާއްވާ ތިންވަނަ މަޝްވަރާ ބައްދަލުވުމެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިހާރު ދަ ޑިމޮކްރެޓްސްއާ އެކު ކުރާ މަޝްވަރާތަކަކީ ރައީސް ސޯލިހްގެ ވެރިކަން ނިންމުމަށް އެކުގައި ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ކުރާ މަޝްވަރާތަކެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަޝްވަރާތައްވެސް ކުރިއަށް ދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އާއި ޕީޕީއެމް އެކުގައި ބާއްވާ ބޮޑު ޖަލްސާ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނައިރު ދެ ޕާޓީގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. މި ގޮތުން ރައީސް ނަޝީދުގެ "އޯޝަން ވީކްލީ" މަޖައްލާގެ ކަވާ ސްޓޯރީއެއްގެ ގޮތުގައި "ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން. ގުޅިފައިވާ ޕާޓީގެ ކެންޑިޑޭޓެއް" މިހެން ލިޔުމާ ގުޅިގެން ޕީޕީއެމް އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މަޝްވަރާތައް ޕީޕީއެމްގެ ސެނެޓްގެ ލަފައެއް ނެތި ކުރިއަށް ގެންދާކަމަށް ބުނެ އެ ޕާޓީގެ ސެނެޓްގެ ބައެއް މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޕީޕީއެމްގެ ސެނެޓްގެ ލަފައެއް ނެތި މި ބައްދަލުވުންތައް ކުރިއަށް ގެންދާ ކަމަށް ބުނި ނަމަވެސް އެ މަޝްވަރާތައް ކުރިއަށް ގެންދަނީ މިހާރު ޖަލުގައި ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ މަޝްވަރާގެ މަތިން ކަމަށް އެޕާޓީގެ ލީޑާޝިޕުން ވަނީ ބުނެފައެވެ.