މިހާރު އިންޑިއާގައި ކުޅެމުންދާ ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު 2 މެޗުގައި ވެސް ކުޅުންތެރިން ތިބީ ކާނާ ވިހަވެފައިކަން ހާމަވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ސާފް ޗެމްޕިއަންޝިޕް އަށް ގައުމީ ޓީމުގެ ކުޅުންތެރިން އިންޑިއާއަށް ދިޔައީންސުރެ ކުޅުންތެރިން އަންނަނީ ކާނާ ވިހަވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އަދި މިއަދު ކުޅުން މެޗަށް ވެސް ގައުމީ ކުޅުންތެރިން ނުކުތްއިރުވެސް ބައެއް ކުޅުންތެރިން ކާނާ ވިހަވުމުގެ ސަބަބުން ބޭރަށް ހިންގާފައިވެއެވެ.

ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންހެން ކާނާ ވިހަވެ، ބޭރަށް ހިންގުން ކުރިމަތިވެ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވީނަމަވެސް އެޑްމިޓް ކޮށްގެން އެއްވެސް ކުޅުންތެރިއަކަށް ފަރުވާ ދީފައެއް ނުވެއެވެ.

ކާނާ ވިހަވަމުން އަންނަތާ ދުވަސްކޮޅެއް ވެފައި ވާއިރު މި ވާހަކަ ފެތުރިފައިވަނީ މިއަދު ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ޓީމު ބަލިވެފައިވަނިކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިވެހި ރައްޔިތުންގެ ފަރާތުން މާފަށް އެދުމަށްފަހު ވާހަކަދައްކަން ދެކޮޅު ހަދާ ކޯޗު ނިކުމެގެން ދިއުމާ ގުޅިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިހާރު ކުޅެމުން އަންނައިރު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއިން ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ރާއްޖެއިން މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ނިކުތްއިރު 20 އަހަރު ފަހުން ވަނީ ބަގްލަދޭޝް އަތުން ރާއްޖެ ބަލިވެފައެވެ. މިއަދުގެ މެޗުން 3-1ގެ ނަތީޖާއަކުން ބަގްލަދޭޝްއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.