ކޮންމެ ދުވަހަކު ލައްކައެއްހާ އެމެރިކާ ޑޮލަރު ބޭނުންވެވަޑައިގަންނަވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތަމްސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާ މެދު ބަހުސްކުރުން ކުރިއަށްގެންގޮސްފައިވާއިރު އެ ބަހުސްގައި ޖާބިރު ވިދާޅުވީ އޭނާއަށް ރަނގަޅީ ކޮމިޓީއެއްގައި ނުހިމެނުން ކަމަށެވެ.

ޖާބިރު ވިދާޅުވީ ރަނގަޅީ ކޮމިޓީއެއްގައި ނުހިމެނުން ކަމަށާއި އޭރުން ކޮމިޓީގެ ބައްދަލުވުންތައް އަންނާކަށް ނުޖެހޭ ކަމަށެވެ. އަދި މަޖިލީހުންދޭ ކުޑަ ލާރި ކޮޅަކުން ކުރެވޭނީ ކީއްތޯ ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑަށް ރަނގަޅީވެސް ކޮމިޓީއަކަށް އަޅުގަނޑު ނުލިއްޔާ، އޭރުންތާ އަޅުގަނޑަށް އަންނަން ނުޖެހޭނީ. އޭރުން ކިހާ ފަސޭހަ އަޅުގަނޑަށް. ތިޔަދޭ ކުޑަ ލާރި ކޮޅަކުން އަޅުގަނޑު ކޯޗެއް ހަދާނީ"
ޖާބިރު

ޖާބިރު ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ ކޮންމެ ދުވަހަކު ލައްކައެއްހާ އެމެރިކާ ޑޮލަރު ނަމަވެސް މަޖިލީހުން އެ ވަރަށް ނުދެވޭ ކަމަށެވެ. އަދި އޭނާގެ ގޮނޑި ގަނެވޭނެ ވަރުގެ މީހެއް ނުހުންނާނެ ކަމަށާއި އެ ގޮނޑި ނުވެސް ވިއްކާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން މަޖިލީހަށް ވަޑައިގެން ނަމަވެސް މަޖިލީހުގައި އަދާކުރައްވަނީ ޒިންމާދާރު ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ޒިންމާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި ކާށިދޫ ދާއިރާ ރައްޔިތުން އެދެނީ މަޖިލީހުގެ މަސައްކަތަށް ފުރުސަތު އޮންނަ ގޮތަށް މަޖިލީހުގެ ރައީސް އަމަލުކޮށްދެއްވުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އަބަދުވެސް ރައީސް ނަޝީދަށް ހެޔޮގޮތް އެދިވަޑައިގަންނަވާ ކަމަށާއި ހުރިހާ އެންމެންނަކީވެސް ރަހުމަތްތެރިން ކަމަށެވެ. އަދި ޒާތީ ކަންތައްތަކުގައި ދެބަސްވާ ޒާތީ ނުވެ މުއާމަލާތް ބަރާބަރަށް ގެންދިއުމަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ. އަދި މިހާރު ކަންކަން ގޮސްފައިވާ ހިސާބުން މި ނޫން ގޮތެއް ހޯދުމުގެ ޒިންމާ މަޖިލީހުގެ ރައީސްގެ އިސްތަށިފުޅުގައި އެޅިފައި އޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ.