ރައްޔިތުންގެ މަޖިލިސް މަރުތަޅު އެޅުވި, ޖަލްސާތައް ހުއްޓިފައި އޮތުވުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޗެމްބަރުގައި ހުރި ގޮނޑިތައް މަޖިލީހުގެ ގޯތި ތެރެއަށް ނެރެފިއެވެ.
ޕީޕީއެމް މެންބަރުން މިއަދު މަޖިލީހަށް ވަޑައިގެން ނަމަވެސް ތަޅުމަށް ވަދެވޭގޮތް ނުވުމުން އެ މެންބަރުން މިހާރު ވަނީ މަޖިލީހުގައި ހުރި ގޮނޑިތައް ބޭރަށް ނެރުމަށްފަހު ރައީސް އޮފީހަށް ވަޑައިގެންފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ގޮނޑިތައް މަޖިލިސް ޗެމްބަރުން ނެރުމުގައި އިސްކޮށް ހަރަކާތްތެރިވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އެވެ.
ސެންބެ ވަނީ ގޮނޑި ހިފައިގެން މަޖިލިސް ކުރާ ގޭގެ ދޮރުން ނިކުމެވަޑައިގަތުމަށް ވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެކަމަށް މަޖިލީހުގެ ސެކްރިޓީއިން ވަނީ ދެކޮޅު ހަދާ ދޮރު ތަޅުލާފައެވެ. އަދި ގޮނޑި ހިފައިގެން ދިއުމަށް ހުއްދަ ދެވެން ނެތް ކަމަށް ސެކިއުރިޓީއިން ބުނި ނަމަވެސް ސެންބެ ވަނީ ތަކުރާރުކޮށް ތަޅު ހުޅުވަދިނުމަށް އެދިވަޑައިގެންފައެވެ.
ސެންބެ ވިދާޅުވީ 5000 މެންބަރުންގެ ދާއިރާގެ ގޮނޑިއެއް މި ވަނީ ހުއްޓިފައި ކަމަށާއި މި ގޮނޑި ހިފައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ކުރައްވަނީ ގާނޫނީ ގޮތުން ކިހާ ބޮޑު ކުށެއްކަން ހާމަކޮށްދޭން ބޭނުންވެ ވަޑައިގަންނަވާ ކަމަށްވެސް ސެންބެ ވިދާޅުވިއެވެ.
އެ ގޮނޑި މަޖިލީހުގެ ގޯތި ތެރެއިން ނެރެދިނުމަށް ދޮރުގެ ތަޅު ހުޅުވައިދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސެކިއުރިޓީއަށް ދަންނަވަން ވެސް ސެންބެ ގޮވާލެއްވިއެވެ. އަދި ގޮނޑި ނުގެންދެވުނު ކަމުގައި ވިޔަސް މިއަދުރައީސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށް ސެންބެ ވަނީ ވިދާލުވެފައެވެ.
މިއަދު މަޖިލީހުގައި އިދިކޮޅު ޕީޖީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ސަރުކާރުން އޮތީ މަޖިލީހުގައި ބޮޑު ތަޅު އަޅުވާފައި ކަމަށާއި އެކަން ނިމުމަކަށް ގެނެވޭނީ މެޖޯރިޓީ ލީޑަރަށް ކަމަށެވެ. އެހެންނަމަވެސް މެޖޯރިޓީ ލީޑަރު އިއްޔެވެސް ވިދާޅުވީ އިދިކޮޅުން މަޖިލިސް ހަރާބުކުރާ ވާހަކަ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ފެށުނީންސުރެ މަޖިލީސް ހަރާބުކޮށް މަޖިލީހުގެ ކަންތައްތައް އުސޫލާ ހިލާފަށް ގެންގޮސް ހުރިހާ ކަމެއް ކުރީ ކޮންބައެއްކަން އެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ސަލީމް ވިދާޅުވީ މި މައްސަލަ ފެށުނީ ކަނޑު ވިއްކި މައްސަލާގައި ބަނޑާރަ ނައިބު މަޖިލީހަށް ހާޒިރުކޮށް، މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ނުދިނުމުން ކަމަށެވެ.