ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތައް މި މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ މި މަހުގެ ތެރޭގައި ލިސްޓު އިއުލާނު ކުރާނެ ކަމަށާއި ލިސްޓް އިއުލާނު ކުރާނެ ސީދާ ތާރީހެއް އަދި ކަނޑައެޅިފައި ނުވާ ކަމުގައެވެ.

ލިސްޓް މި މަހުގައި އިއުލާނު ކުރާނެ ކަމަށް އަކްރަމް ވިދާޅުވެފައި ވާއިރު ރޭ ހައުސިން މިނިސްޓްރީގައި ގެދޮރުވެރިންގެ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. ގެދޮރުވެރިންގެ ކޮމިޓީއިން ބައްދަލުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލް ޕްލޭނިން މިނިސްޓްރީއިން ދީފައެއް ނުވެއެވެ.

މާލޭގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން" ސްކީމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 35،861 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.

  • ބިންވެރިޔާ: 15،164 ފޯމް
  • ގެދޮރުވެރިޔާ (ތިން ކޮޓަރީގެ އެޕާޓްމަންޓް): 14،489 ފޯމް
  • ގެދޮރުވެރިޔާ (ދެ ކޮޓަރީގެ އެޕާޓްމަންޓް): 6،208

މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

ގޯތި ދޫކުރާ އިރު އެކަކު ގޯއްޗަށް އެދި ހުށަހަޅާ ނަމަ ލިބޭނީ 1،250 އަަކަފޫޓުގެ ބިމެކެވެ. އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4،000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ވެއެވެ.