ސިފްކޯ ހިޔާ ފްލެޓްތަކަށް މި އަންނަ ޖުލައި މަހުގެ ނިޔަލަށް ވަދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހަމައެކަނި ކޮންކްރީޓް ސްޓްރަކްޗާ އެއްހެން ހުރި ސިފްކޯ ހިޔާއަށް މި އަންނަ ޖުލައިގެ ނިޔަލަށް އާއިލާތަކަށް ވަދެވޭނެކަމަށް ސިފްކޯއިން ޔަގީންކަން ދެއްވާ ކަމަށެވެ.

ސިފްކޯ ހިިޔާއަށް ސަރުކާރުންވަނީ ބޮޑު ހޭދައެއްކޮށްފައިވާ ކަމަށާއި އެ މަސައްކަތް ނިމެނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް ދެއްވާ އަހަންމިއްޔަތު ކަމުގެ ސަބަބުން ކަން ފާހަގަކުރައްވާ މާރިޔާ ވަނީ އެކަމަށްޓަކައި ހުރިހާ ސިފައިންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

މާރިޔާ ވިދާޅުވީ ރައީސް ސޯލިހަކީ މުޖުތަމައުގައި މިންތީގެ ހަމަހަމަކަން ގެނައުމަށް އެތައް މަސައްކަތްތަކެއް ކުރައްވާ ވެރިއެއް އެހެންކަމުން މި ވެރިކަމުގައި އަންހެނުންނަށް އަސްކަރީ ހިދުމަތުގައި ދެމިތިބެ ކުރިއަށް ދިއުމަށް ގިނަ ދޮރު ތަކެއް ހުޅުވެމުންދާކަން ފަހުރުވެރިކަމާއެކީ ފާހަގަކުރައްވާ ކަމަށާއި މިއަދު އަންހެން ސިފައިންނަށް ސިފައިންގޭގެ މެދުއޮޅި ގިރާކޮށް، އެމީހުންގެ ފުރިހަމަ އިސްކޮޅަށް ދެމިލާނެ ފުރުސަތު ހޯދައިދެވިފައި ކަމަށެވެ.

މިރޭ ހުވާކޮށް ސިފައިންގެ ލަޝްކަރާ ގުޅުނު 69 ވަނަ އަސާސީ ތަމްރީން ކޯހުގެ ހައި އެޗީވާސްއަށް 9 އެވޯޑެއް ދެވުނުއިރު، 5 އެވޯޑް ހާސިލްކޮށްފަ ވަނީ އަންހެން ދަރިވަރުން ކަމަށާއި އޭގެ ތެރޭގަ އެންމެ މޮޅު ބަޑިޖެހުންތެރިޔާއާއި ހެވިކަމަށް އެންމެ މޮޅު ދަރިވަރާއި މުޅި ކޯހުން އެއްވަނަ ދަރިވަރު ހިމެނޭކަމީ ހިތްހަމަޖެހުމާއެކީ ފާހަގަކުރެވޭ ކަމެއް ކަމުގައި މާރިޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އެ އިމާރާތް ނިމުމުގެ މަސައްކަތް މިހާރު އެ އަންނަނީ ކުރަމުން ކަމަށާއި ހިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށް ހުޅުމާލެ ފޭސް 2 ގައި ވެސް 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގެ މަސައްކަތްވެސް މި އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކަޅުތުއްކަލާ ކޮށީގައިވެސް ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރުގެ ތެރޭގައި ބިޑްކުރެވޭނެ ކަމަށެވެ.