ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށްޓަކައި 2 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީ އަދި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ 2 ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާނެ ކަމަށެވެ.

ރިފްއަތު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެންބަރުންގެ އަދަދަކީ 7 ކަމުގައި ކަނޑައަޅުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން ކަމަށެވެ.

އެގޮތަށް ހުށަހަޅާފައި ވަނީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި ޖޭއެސްސީގެ ކަންކަން ކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ، އެހެން ފަރާތްތައް، ގާނޫނީ ފަންނުގެ ދާއިރާ،މަދަނީ ޖަމްއިއްޔާތައް އަދި އާންމުންގެ ހިޔާލާއި މަަޝްވަރާގެ އަލީގައި ކަމަށް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

ރިފްއަތު އިތުރަށް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އަދި މި މަސައްކަތް 2019 ގައި ފަށާފައިވާކަން ފާހަގަކުރައްވާ މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

މިއަދުގެ ހުށަހެޅި 2 ބިލާއެކު ޖޭއެސްސީގެ އިސްލާހީ މަސައްކަތް ފުރިހަމަ ކުރެވިއްޖެ ކަމަށް ވެސް ރިފްއަތު ވަނީ ވިދާޅުވެފައެވެ.