ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވެ، ނަސޭހަތްދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގަޟިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް، ދެފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން ގަޒިއްޔާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމުނު ނަމަވެސް ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ހުކުމް ކޮށްފައިވަނީ ގަޟިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނާ 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަހުގީގަށް ހޯދި ލިޔެކިޔުން ތަކުންނާއި މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ބަހުން އެނގެން އޮންނަ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، އެ ގަޟިއްޔާގެ ހުކުމް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބުނާ މުއްދަތުގެ ތެރޭގައި ކޮށްފައި ނުވަނީ މެޖިސްޓްރޭޓު ރަފީއްދީން އަހުމަދަށް ހުކުމް ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، މެޖިސްޓްރޭޓްގެ އިހުމާލެއް އޮވެގެން ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ނަސޭހަތްދިނުމަށް ފެންނަ ކަމަށް ކޮމިޝަންގެ 35 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވަކިވެސް ކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތު ކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުން ދާނެ ކަމަށެވެ.