މިދިޔަ ހަފްތާ އިން ފެށިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުނުވާ ކަމަށް ވިދާޅުވެ، ރައީސާ ބައްދަލުކުރުމަށް އެދި، ރައީސް އޮފީހުގައި ހުންނަވައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިހާރު ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިޓީއެއް ލިޔުއްވައި ރައީސް އޮފީހާ ހަވާލުކޮށްފިއެވެ.

ރައީސަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައީސާ ބައްދަލުކުރަން އަންނަތާ ހަތަރު ދުވަސް ވެއްޖެ ކަމަށާއި، ކޯލިޝަންގެ ފަރާތުން ރައީސާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ދަނީ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ މަގްސަދުގައި ކަމަށެވެ. އެގޮތުން އެ ސިޓީގައި އަބްދުއްރަހީމް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ގިނަ ދުވަސް ވަންދެން އޮތުން
  • ރާއްޖޭގެ މަސްކަނޑުތަކާއި ބިންތަކާއި ދިވެހިންގެ މިނިވަންކަން ވިއްކާލުން
  • ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސް، ރައީސް ފިއްލަވައިގެން އުޅުއްވުން

މީގެ ކުރިން ވެސް ރައީސާ ބައްދަލުކުރުމަށް އެދި އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުއްވާފައިވާ ކަމަށާއި، ނަމަވެސް ރައީސް އޮފީހުގައި ހުންނަވައި އަމިއްލަ އަތުން މިއަދު ސިޓީ އެއް ލިޔުއްވަން ޖެހިވަޑައިގަތީ ރައީސް އޮފީހުގެ ރަސްމީ ޕްރޮޓޮކޯލްގެ ދަށުން ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން ކަމަށް، އަބްދުއްރަހީމްގެ ސިޓީގައި ވިދާޅުވިއެވެ.

އިދިކޮޅުން ބުނި ގޮތުގައި، އަބްދުއްރަހީމް ރައީސް އޮފީހުގައި ހުންނަވައި ސިޓީ އެއް ލިޔުއްވީ ރަސްމީ ޕްރޮޓޮކޯލްގެ ދަށުން، ރައީސަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް، ރައީސް އޮފީހުން ބުނާތީއެވެ.

ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅަށް އެކަށީގެންވާ ޖަވާބެއް ލިބެންދެން، ނުވަތަ ރައީސާ ބައްދަލުވަންދެން ކޮންމެ ދުވަހަކު ވެސް ރައީސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޒިންމާ ނެންގެވޭ ރައީސެއް ކަމަށް ވަންޏާ ރައީސް އިދިކޮޅާ ބައްދަލުކުރައްވައި އެ ބޭފުޅުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެއެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން މިހާރު ފަށަން ތައްޔާރު ވަނީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ކަމަށާއި، މި ސަރުކާރު ޖަވާބުދާރީކުރުވުމުގެ އިތުރު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށެވެ.

ވެރިކަމާ ހަވާލުވުމަށް ފަހު އިދިކޮޅުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ "ވަގުންގެ" ޕާސްޕޯޓް ހިފެހެއްޓުން ކަމަށް ވިދާޅުވެ، މި ސަރުކާރުގައި ތިބެ ވައްކަން ކުރި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދޭނެ ކަމަށާއި ފިލުމުގެ ފުރުސަތު ނުދޭނެ ކަމަށް އަބްދުއްރަހީމް ރޭ ވިދާޅުވެފައިވެއެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވަނީ މިއަދު މި ވާހަކަތައް ތަކުރާރުކުރައްވައިފައެވެ.