އިދިކޮޅުން މިހާރު ފަށަން ތައްޔާރު ވަނީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ކަމަށާއި މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރު ކަންކަން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުންނެވެ. އަދުރޭ ވިދާޅުވީ އިދިކޮޅުގެ ބޭފުޅުން ތިބީ ނިދާފައި ނޫން ކަމަށާއި މި ސަރުކާރުން ކުރަމުންދާ ކަންތައްތަކާއި ދޭތެރޭ ވަރަށް ރަނގަޅަށް ފާރަވެރިވެގެން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި މި ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅުން އިތުރު މަސައްކަތްތަކެއް ކުރަމުންދާތަން ފެންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، މި ސަރުކާރުން ހިންގާ ކޮރަޕްޝަންތައް ދެނެގަތުމުގެ މަސައްކަތް އިދިކޮޅުން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި މުއައްސަސާތަކަށް ދެން ހިމޭނުން ނުތިބެވޭނެ ކަމަށާއި ފިނި ކޮޓަރީގައި ތިބެގެން ސަރުކާރު ދަވާލަން ދެން ޖާގަ ނުދޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ސެޕްޓެމްބަރު 9 އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތް ނިމުމުގެ ސިއްކަ ޖަހާ ދުވަހެއް ކަމަށެވެ.
ޕީޕީއެމުން ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރާނެ ކަމަކީ "ވަގުންގެ" ޕާސްޕޯޓް ހިފެހެއްޓުން ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ. އަދުރޭ ވަނީ، މި ސަރުކާރުގައި ތިބެ ވައްކަން ކުރި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދޭނެ ކަމަށާއި ފިލުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.