ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އުފެއްދުންތަކަށް ޑިޖިޓަލް ހަލާލް ސެޓްފިކެޓް ތައާރަފް ކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިފަދައިން ވިދާޅުވީ ހަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުންނެވެ.

ޒާހިރު ވިދާޅުވީ ރާއްޖޭގައި ހަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހު ކަމަށެވެ. އަދި މިހާރު 7 ކުންފުންޏަކުން މި ހިދުމަތް ލިބިގަންނައިރު އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100އަށްވުރެ ގިނަ އުފެއްދުންތަކަށް ހަލާލު ސެޓްފިކެޓް ދޫކުރެވުނު ކަމަށެވެ.

ރާއްޖޭގެ އުފެއްދުންތަކަށް ހަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަ ކުރައްވާ ޒާހިރު ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުން ތަކުގައި ހުންނަ ތަކެތި ބަލާ ތަހްލީލު ކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް، ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން މަދުކަމަށާއި ރާއްޖޭގައި ހަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި ކުޑަކަންވެސް ޒާހިރު ވަނީ ފާހަގަ ކުރައްވާފައެވެ. ހަލާލް ސެޓްފިކެޓް ދޫކުރުމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ނެތުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ އެ ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ހަލާލް ނިޒާމެއް ގާއިމް ކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައި ވާކަމަށެވެ. އެގޮތުން ކުރެވުނު މަޝްވަރާ ތަކުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރާ ތަކެތި ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓާ ކުރުން ހިމެނެއެވެ. އަދި ލެބޯޓްރީއެއް ގާއިމް ކުރުމުގެ އިތުރުން ސިނާއަތާގުޅޭ މައުލޫމާތު ފޯރުކޮށްދީ، ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް ވެސް ކޮށްފައި ވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސެރޫނާއީ އީ ކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތް ތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ހަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ނިޒާމެއް ތައާރަފް ކުރުމެވެ. މިއަދު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފް ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.