އެޗްއާރްސީއެމްގެ މެންބަރެއްގެ އަމުރަށް ޗެނަލް 13 ގައި މަސައްކަތް ކުރާ ނޫސްވެރިއަކަށް ފުރައްސާރަކޮށް ބިރުދައްކާ ފޯނު ފޭރިގަތް ކަމަށް ބުނެ އެ މައްސަލަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ކުށްވެރި ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެޗްއާރްސީއެމްގެ މެންބަރެއްގެ އަމުރަށް މެންބަރުގެ ފިރިކަލުން ފޮނުވި މީހަކު އެ ކޯލިޝަންގެ ލީޑާޝިޕްގެ ހަރަކާތްތައް ކަވަރު ކުރަމުން ގެންދިޔަ ޗެނަލް13 ގެ އަންހެން ނޫސްވެރިއަކަށް ފުރައްސާރަކޮށް ބިރު ދެއްކުމަށް ފަހު އެ ނޫސްވެރިޔާގެ ފޯނު ފޭރިގަތްފައިވާ ކަމަށެވެ. އަދި އެޗްއާރްސީއެމް ފަދަ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ ގާނޫނުއަސާސީން ހަވާލު ކޮށްފައިވާ މުއައްސަސާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މެންބަރެއްގެ ކިބައިން ފެނިގެން ދިޔަ މި ލާއިންސާނީ ބޭ އަދަބީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް ބުނެއެވެ.

ހިއުމަންރައިޓްސް ކޮމިޝަން ފަދަ މުއައްސަސާއެއްގެ މެންބަރެއްގެ ކިބައިން ފެނިގެން ނުވާނެ ފަދަ އިންސާނިއްޔަތާ ހިލާފު އަމަލެއް އެ މެންބަރު އަދި އެމެންބަރުގެ ފިރިކަލުންގެ ކިބައިން ފެނިގެން ދިއުމަކީ އެއްގޮތަކަށްވެސް ދިވެހިރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫންކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ވަނީ އެފަދަ ގޮތަކަށް އަމަލު ކުރާ މެންބަރުން މިހާރުން މިހާރަށް އެމެންބަރަކު އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އިސްތިއުފާ ނުދެއްވާ މަގާމުގައި އެ މެންބަރުން ހުންނަވާނަމަ، އެމެންބަރުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފާއެވެ.

ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއްގެ ބޭނުންކޮށް އިހުތިޖާޖު ކުރަމުން ގެންދާ ދިވެހި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އިދިކޮޅު ކޯލިޝަނުން އިއްޔެ އެޗްއާރްސީއެމްއަށް ދިއުމުން އެކޮމިޝަނުން ވަނީ އެ ކޯލިޝަންގެ ލީޑާޝިޕާމެދު ވަރަށް އިހުތިރާމް ކުޑަކޮށް އަދި ލާއިންސާނީ ގޮތަކަށް އަމަލު ކޮށްފައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އެޗްއާރްސީއެމްގައި އޮތީ ސިޔާސީ ނުފޫޒު ކަމަށާއި ކޮމިޝަންގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅުން ވަނީ މީގެ ކުރިން ބުނެފައެވެ.