ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ނުރައްކާތެރި ސިގްނަލެެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިއްޔެ މަޖީދީ މަގުގައި އިދިކޮޅު އެއްވުމުގެ ބައިވެރިން ތިބި ސަރަހައްދުން ސައިކަލުގައި ޑރ މުހައްމަދު އިޔާޒު ވަޑައިގަންނަވަނިކޮށް އޭނާ އަށް ހުރަސްއަޅަން މަސައްކަތް ކުރީ އިދިކޮޅަށް ނިސްބަތްވާ ސަޕޯޓަރުން ތަކެކެވެ. އެގޮތުން އިޔާޒުގެ ސައިކަލުގެ ފަހަތުން އެމީހުން ދުވެފައި ވާއިރު ހަޑި ހުތުރު އެއްޗެހި ވެސް އިޔާޒްއާ ދިމާލަށް ކިޔާފައި ވެއެވެ.

އެކަމާ ގުޅިގެން ޑރ. ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް ކަމަށާއި އަދި ނުރައްކާތެރި ސިގުނަލެއް ކަމަށެވެ. އަދި އިއްޔެ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރައްވާ ކަމަށާއި އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ގޮވާލައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރަން. އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ގޮވާލަން.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ

މި މައްސަލައިގައި އިޔާޒް ގެންދަވަނީ ޓްވީޓާ މެދުވެރިކޮށް ނުރުހުން ފާޅުކުރައްވަމުންނެވެ. މިގޮތުން އެއީ ޕީޕީއެމް/ޕީއެންސީން ހިންގި ދަށު ދަރަޖައިގެ ހުތުރު އަމަލެއްކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކިތަންމެ މުޒާހަރާއެއް ކުރިޔަސް, ކިތަންމެ ވަރަކަށް މުއައްސަސާތަކުގެ ދޮށަށް އެއްވިޔަސް, ކިތަންމެ ވަރަކަށް މަގުމަތިން މީހުންނާ ފޮށުނަސް, ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެންނުވާނެ ކަމަށް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ. ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ހަމައެކަނި ގޮތަކީ މަތީ ކޯޓަކުން ދަށުކޯޓުގެ ހުކުމް ބާތިލްކުރުން ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.