މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައި ހައިރައިޒް އިންޓަނޭޝަނަލް އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިފަހަރުގެ ލިވިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އާބަންކޯ އިން ބުނީ، އެ ކުންފުނީގެ ސްކޯޕް ބޮޑުކޮށް، އާބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު، މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެއް ކަމަށެވެ. އެހެންކަމުން މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އާބަންކޯ އިން ބުނެއެވެ.

ހައިރައިޒް އިންޓަނޭޝަނަލް އިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަހި ކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ރާއްޖޭގައި ބާއްވަ މިފަދަ ހަމައެކަނި ހަރަކާތެވެ. މި އަހަރުގެ ލިވިންގ އެކްސްޕޯގައި ވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާއެކު އިންޓަރެކްޓިވް ނެޓްވޯކިން ޕްލެޓްފޯމެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފާނިޗާ ވިޔަފާރިތަކާއި، ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ވެސް ހިމެނޭނެއެވެ. މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހި ކަމާއި، ގެދޮރާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދާނެއެވެ.