އިންތިގާލީ އިންސާފު އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުރި މުހައްމަދު އިބްރާހިމް ހައްޔަރުކުރީ މަސްތުވާތަކެއްޗާއެކު ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުން ވަނީ އެނގިފައެވެ.

މަސްތުގެ ހާލުގައި ހުރެ އޮފީހަށް ގޮސް، މުވައްޒަފުންނަށް އުނދަގޫ ކުރާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އިއްޔެ މުހައްމަދު އިބްރާހިމް ވަނީ ހައްޔަރު ހައްޔަރުކޮށްފައެވެ. އިއްޔެ މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައިވަނީ ހިތަށްފިނިވާ މަގުން މަސްތުގެ ހާލުގައި ހުއްޓާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި މުހައްމަދު އިބްރާހިމްގެ ބަންދަށް 6 ދުވަހުގެ މުއްދަތެއް މިއަދު ކްރިމިނަލް ކޯޓުން ޖަހާފައިވާއިރު އެ މައްސަލާގެ ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު އެ ކޯޓުގެ އަމުރުގައި ބުނެފައިވަނީ އޭނާއަކީ ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ. އަދި ހައްޔަރުކުރިއިރު މަސްތުގެ ހާލަތުގައި ހުރި މުހައްމަދު އިބްރާހިމްގެ ކުޑަކަމުދާ ތަކެތި އޯޕީއައި އަދި ބެންޒޯއަށް ފޮޒިޓިވެފައިވާ ކަމަށްވެސް އެ އަމުރުގައި ވަނީ ބަޔާން ކޮށްފައެވެ.

މުހައްމަދު އިބްރާހިމްގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ނަތީޖާއިން އޯޕީއައި އަދި ބެންޒޯ ކަމަށް ދައްކާއިރު އެ ތަކެއްޗަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ބާވަތެއް ނޫން ކަމަށް ދިފާއުން ފާހަގަކުރާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މުހައްމަދު އިބްރާހިމްގެ ފަރާތުން ފުރައްސާރައާއި އުނދަގޫތައް ކުރިމަތިވާ ކަމަށް ބުނެ އެ އޮފީހުގެ މުވައްޒަފުން ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. ނަމަވެސް އަބްދުއްސަލާމް އާރިފް ވިދާޅުވާ ގޮތުގައި އެފަދަ ޝަކުވާއެއް ލިބިފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މުހައްމަދު އިބްރާހިމް ފުރައްސާރަ ކުރުމަށް މުވައްޒަފުންގެ ގަޔަށް އަތްލާން މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ހަޑި ހުތުރު މެސެޖު ކުރުމާއި އޮފީސް މީޓީން ތަކުގައި ވެސް އަޑު ގަދަކޮށް ބިރު ދައްކާ މޭރުމުން ވާހަކަ ދައްކާ ކަމަށްވެސް ބުނެއެވެ.

އޭނާ އަކީ މީގެ ކުރިން ފުލުހަކަށް ވެސް އުޅެފައިވާ މީހަކަށް ވާއިރު މިހާތަަނަށް އެ އޮފީހުން އެއްވެސް ފިޔަވަޅެއް އަލާފައި ނުވަނީ އޭނާ އާއި ޗީފް އޮމްބަޑްސްޕާސަންއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ތުހުމަތު ކުރެއެވެ.