އިދިކޮޅުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުންނާ ބައްދަލު ކުރައްވަން ވަޑައިގަތުމުން ބައްދަލުކޮށްފައި ނުވާ ކަމަށް ބުނެފިއެވެ.

އިދިކޮޅުން އެޗްއާރްސީއެމް އަށް ގޮސްފައި ވަނީ ރ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މުއާމަލާތާ ގުޅޭގޮތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަގެންދާ ޝަރީއަތްތައް ކޮންމެ ދުވަހަކު ބާއްވާތީއާއި ގިނައިރުތަކެއް ވަންދެން ޝަރީއަތްތައް ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމަށެވެ.

އިދިކޮޅުން ބުނީ މިއަދު މެންދުރު 12:45 އިން ފެށިގެން ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުން އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވި ގޮތަށް އަދިވެސް އެޗްއާރްސީއެމްގެ އެއްވެސް މެންބަރުއަކު އެ ބޭފުޅުންނާ ބައްދަލު ކުރައްވަން ވަގުތު ކޮޅެއް ދީފައި ނުވާ ކަމަށެވެ.

މިއަދު އެޗްއާރްސީއެމްގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ފާހަގަ ކުރެއްވުނު ކަމަކީ އެ މުވައްސަސާގެ ވެރިންގެ ތެރެއިން ހާއްސަކޮށް އެތަނުގެ މެންބަރުން އަމަލު ކުރައްވަމުން ގެންދަވާ ގޮތް ކަމަށެވެ. އަދި އެތަނުގައި އިންސާނީ ކަރާމާތާއި އިންސާނުންގެ ޒަރޫރީ ކަންކަމަށްވެސް ކުޑަމިނުން ބަލާލައިފާ ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮމިޝަނުގައި ތިއްބެވި ހުރިހާ މެންބަރުން ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ. އަދި އާދަމް ޝަރީފް ވިދާޅުވީ އެތަނުގައި އިދިކޮޅުގެ ލީޑާޝިޕްގެ ބޭފުޅުން ތިއްބަވަނިކޮށް އެ ކޮމިޝަނުގެ ވަލު ދޮރާށިން މެންބަރުން ގެއަށް ވަޑައިގަތުމަކީ ވަރަށް ނާތަހުޒީބީ ކަމެއް ކަމަށެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ގިނަ ވަގުތުތަކެއް ވަންދެން ޖެހި ޖެހިގެން ކޮންމެ ދުވަހު ރައީސް ޔާމީންގެ ޝަރީއަތްތައް ކުރިއަށް ގެންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަން އެހެން ކުރަނީ ރައީސް އޮފީހުން ނުފޫޒު ފޯރުވައިގެން ކަމަށާއި މިއަދު އެ ކޮމިޝަނަށް ވަޑައިގަތީ އެ ޝަރީއަތްތައް އެހެން ހިންގާތީ އެކަން ކުށްވެރިކޮށް އިންސާނީ ހައްގެއްގެ ގޮތުގައި ރަޖިސްޓާ ކުރުމަށް ބޭރުގެ ފަރާތްތަކުން ނަސޭހަތްތެރި ވަމުން ދާތީ ކަމަށެވެ.

ސައީދު ވިދާޅުވީ އެސްއޯ ފުލުހުން ފޮނުވައިގެން އިދިކޮޅުގެ މެންބަރުން ނެރެން އުޅުމަކީ ވަރަށް ހަޑި މުޑުދާރު ކަމެއް ކަމަށެވެ.

އެޗްއާރްސީއެމް އިން މެންބަރުން ނެރެން ފުލުހުން މަސައްކަތްކޮށް މީޑިއާ ނިކުތުމަށް އަންގާ ނޫސްވެރިންވެސް ވަނީ ނެރެފައެވެ. އަދި އެއަށްފަހު އެ ކޮމިޝަނުގެ އޮފީހުން ކަރަންޓުވެސް ވަނީ ކަނޑާލާފައެވެ.

އިއްްޔެ އެ މައްސަލާގައި ރައީސް އޮފީހަށްވެސް އިދިކޮޅުން ގޮސްފައި ވާއިރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ބައްދަލުކުރެވިފައެއް ނުވެއެވެ. އަދި ކޮންމެ ދުވަހަކުވެސް އެ އިދާރާއިން އެ ބޭފުޅުންނަށް ދެނީ އީމެއިލް އެޑުރެހެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުގެ ވިދާޅުވެއެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.