ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއު އިން ފުލެޓް ލިބުނު ގުޅީފަޅު ސްކީމްގެ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

އާބަންކޯ އިން ބުނީ، ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ކަމަށެވެ. މީގެ ތެރެއިން ގުޅީފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރުން މިއަދު ވަނީ ފަށާފައެވެ.

ޖުމްލަ 100 ފަރާތަކަށް ހައުސިން ޔުނިޓު ލިބޭ އިރު، ދުވާލަކު 25 އެގްރީމަންޓުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މިކަން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލް ގައެވެ. ގުޅީފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެއެވެ.

ވިނަރެސް ފްލެޓެއްގެ އެތެރެ

މީގެ އިތުރަށް އެންޑް ޔޫޒާ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް ސިލެކްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިހާތަނަށް 128 ޔުނިޓެއް ވަނީ އެ ފަރާތްތަކުން ނަގާފައި ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މި ކޯޕަރޭޝަނަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސާ) މޮޑެލް އަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހްތިޔާރުކުމުގެ މަރުހަލާ އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިނަރެސް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން މިހާރު ފަށާފައިވާ އިރު އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ.