ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދްރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށާއި މަދަރަސީ ހަޔާތުގެ 10 އަހަރަށްވުރެ 12 އަހަރު ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައި ވިއަސް އެ ދެއަހަރު ސްކޫލު މާހަވްލުގައި ދަރިވަރު ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެ ދެ އަހަރުތެރޭގައި ދަރިވަރަށް އޭނަ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ ކަމަށާއި އޭނަ ހެދިބޮޑުވުމަށް އިތުރަށް ވަގުތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ދެ އަހަރުތެރޭގައި ދަރިވަރަށް އޭނަ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ. އޭނަ ހެދިބޮޑުވުމަށް އިތުރަށް ވަގުތު ލިބިގެންދާނެ. މީހުންނާއި މުއާމަލާތްކުރުމާއި އެ އުމުރުފުރާގައި އެ ދިމާވާ ކަންތައްތައް ތަޖުރިބާ ކުރުމާއި އެކަންތައްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމާއި މި ހުރިހާކަމެއްގެ ތަޖުރިބާ އަޅާލާ އޯގާތެރި ވެއްޓެއްގައި ލިބުން މުހިއްމު. ދަރިވަރުންނަށް އަމިއްލައަށް އުނގެނުމަށް މަޖުބޫރުކުރުވާ މުގައްރަރެއް އޭލެވެލް މުގައްރަރަކީ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓްރީން ހުޅުވާލާ ސްކޮލަޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ އޭލެވެލް އޮވެގެންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އޭލެވެލް އޮވެއްޖެނަމަ ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް އެންމެ ރަނގަޅަށް މަތީތައުލީމާއި މަސައްކަތުގެ ތައުލީމާއި ހުނަރު ދެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާލުން މުހިއްމު ކަމަށާއި ދަރިންނަށް ހޯދައިދޭން ބޭނުންވާ ކާމިޔާބީއާ އެ ދަރިންގެ ގައިގައި އަށަގަންނަވަން ބޭނުންވާ ހުނަރުތަކަކީ ކޮބައިތޯ އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަތީ ވަނަތައް ހޯދި ދަރިވަރުންނާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން / ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ކާމިޔާބު މީހަކަށްވުމަށްޓަކައި މައިގަނޑު ދެ ސިފައެއް ހުންނަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއް ސިފައަކީ ރިވެތި އަހުލާގުގެ ވެރިއަކަށްވުން ކަމަށާއި ދެވަނަ ސިފައަކީ އެމީހަކު ނޫނީ އެދަރިވަރަކު ވަޒީފާ އަދާކުރަން ބޭނުންވާ ދާއިރާއަކުން ތައުލީމާއި ތަމްރީނު އެންމެ ބޭނުންވާ މިންވަރަށް ހޯދުން ކަމަށެވެ. މިދެ ސިފަ ނެތި ކާމިޔާބު މީހަކަށްވުމަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށްދާން ބޭނުންވާ ރޮނގަކުން އެކަށީގެންވާ މިންވަރަށް ތައުލީމާއި ހުނަރު ލިބިފައި ހުރުމަކީ ވެސް ކާމިޔާބު މީހަކަށްވުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.