ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ 2 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އާބަންކޯއިން މިއަދު ބުނީ ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް މިހާރު ދިރިއުޅެމުން ދާއިރު، ސަރުކާރާ ގުޅިގެން އެ ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ، ގިނަ މަސައްކަތްތަކެއް ރޭވި، މިހާރު ފަށާފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.

އެ މަސައްކަތުގެ ތެރެއިން ހިޔާ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ދެ ދަނޑު ހެދުމަށް ޔޫތު މިނިސްޓްރީން ޒެބްކޯ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އެއީ ހިޔާ ފްލެޓް 16 ކުރިމަތިން އިރަށް އޮންނަ ހުސްބިމެވެ. މި ދަނޑުތަކުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި ފުޓްސަލް ދަނޑުތައް ތަރައްގީކުރުމަށް ޒެބްކޯއާ ހަވާލުކުރީ 4،2 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭގައި ނިންމައި، ހަވާލު ކުރާ ގޮތަށެވެ.

މި ދަނޑުތައް ހެދުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އަރބަންކޯ އިން ބުނެއެވެ. އަދި ފުޓަސްލަ ދަނޑުގެ އިތުރުން ވެސް އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އަރބަންކޯއިން ބުނެއެވެ.