ރާއްޖޭގައި ދެމުން އަންނަ އާސަންދަ ހިދުމަތަށް ތާއިދުކުރާ ކަމަށާ އެހެންނަމަވެސް ރާއްޖޭގައި އޮތް އާސަންދަ ނިޒާމަކީ ކޮރަޕްޝަނަށް މަގުފަހިވާ، އިސްރާފުބޮޑު ނިޒާމެއްކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކްލަބް ހައުސްގައި ކުރިއަށް ގެންދާ "ނާޒިމް ބުނީ ކީކޭ" ގައި ވާހަކަދައްކަމުން އޭނާވަނީ ރާއްޖޭގައި ދެމުން އަންނަ އާސަންދަ ނިޒާމުގައި ހުރި މައްސަލަތަކަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާފައެވެ.
މި ގޮތުން ނާޒިމް ވިދާޅުވީ އާސަންދައަކީ ދިވެހި ރައްޔިތުންގެ ސިއްހީ އިންޝޫރެންސް ކަމަށާ އެ އިންޝޫރެންސްއަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިއަދު އެ އިންޝޫރެންސް ހިނގަނީ އޭގެ މަގްސަދު ހާސިލްވާ ގޮތަށް ނޫންކަމަށެވެ.
ސަރުކާރާ ގުޅުން ނެތް މީހަކު ރާއްޖެއިން ބޭރުން ބޭސްކުރަންވެއްޖެ ނަމަ ލިބެނީ ވަރަށް ކުޑައެއްޗެއް ކަމަށާ ނަމަވެސް ސަރުކާރާ ގުޅުން ހުންނަނަ މީހުންނަށް ބޭސްފަރުވާއަށް ބޮޑު އަދަދަކުން ފައިސާ ލިބޭ ކަމަށެވެ. މީގެއިތުރުން ނާޒިމް ވަނީ ސަރުކާރާ ގުޅުން އޮންނަ މީހުން އެންސްޕާ މެދުވެރިކޮށް ބެންކޮކް ފަދަ ތަންތަނަށް ބޭސް ފަރުވާއަށް ފޮނުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ރާއްޖޭގައި މިހާރު ދެމުންދާ އާސަންދަ ހިދުމަތަކީ 'ދަރަޖަ ތަފާތުކޮށް' ދޭ ހިދުމަތެއްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ވެރިންނަށް ބޭސް ފަރުވާއަށް އެތައް ގައުމަކަށް ދެވޭ އިރު ރައްޔިތުންނަށް އޮތީ ވަރަށް ނިކަމެތި ގޮތެއް ކަމަށެވެ.
އެމްއެންޕީގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ސިންގަލް ކާޑް ހެލްތް އިންޝުރެންސް ތައާރަފް ކުރާއިރު، އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.