ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން 21 ބަޑީގެ ސަލާމަކާއެކު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ސީޝެލްސް ރައީސްގެ 2 ކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ހަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނުގައެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ އެދެކަނބަލުންނަށް މަރުހަބާ ވިދާޅުވެފައެވެ. އެއަށްފަހު، އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފައެވެ.

ރައީސް ސޯލިހް އަދި ސީޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އަރުވައި ދިވެހިރާއްޖެއާއި ސޭޝެލްސް ދެގައުމުގެ ގައުމީ ސަލާމް ވަނީ ކުޅެފައެވެ. އަދި ސީޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް އެމްއެންޑީއެފްގެ ގާޑް އޮފް އޮނަރެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ނައިބު ރައީސް، ދިވެހި ދައުލަތުގެ ވަޒީރުން، އެ ފެންވަރުގެ ބޭފުޅުންން އަދި ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ސީޝެލްސްގެ ރައީސަށް ތައާރަފުކޮށް އެރުވިއިރު ސީޝެލްސްގެ ރައީސް ވަނީ އެމަނިކުފާނުގެ އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން ރައީސް ސޯލިހްއަށް ތައާރަފުކޮށް އަރުވާފައެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ސީޝެލްސްގެ ރައީސް‏ ވޭވަލް ރާމްކަލާވަން، ރައީސްގެ އަރިހުގައި ހަތްކޮޅުގައި ވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ. އަދި ރައީސް އޮފީހަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފައެވެ.

ސީޝެލްސް ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސީޝެލްސްގެ ރައީސްގެ ޝަރަފުގައި ރައީސް ސޯލިހް ދެއްވާ މެންދުރުގެ ފަރިއްކޮޅެއްވެެސް މިއަދު މެންދުރުފަހު އޮންނާނެއެވެ.