ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހިދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މީގެއިތުރުން، އެ ހުދޫދުގެ ތެރެއިން ރާއްޖޭގެ ސަރަހައްދު ބަލަހައްޓައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން ވަރަށް ފަހުރުވެރިކަމާއެކު ޒަމާނުއްސުރެ ކުރަމުންގެންދާ، އަދި ތާރީހު ހެކިދޭ ކަމެއްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި އޮތް ގައުމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މުހިންމު މަގުތަކެއް ކަމަށެވެ. އެހެންކަމުން، މި ސަރަހައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ބައިނަލްއަގްވާމީ ވިޔަފާރިއަށާއި، މި ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަމަށް ރާއްޖެއިން ޒަމާނުއްސުރެ ފޯރުކޮށްދޭ އަގުހުރި ހިދުމަތެއް ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށާއި ސަރަހައްދީ ހަމަޖެހުމަށްޓަކައި ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހި ދައުލަތުގެ މިނިވަންކަމަށާއި ސިޔާދަތަށް އުނިކަން ލިބި، ސަރަހައްދުގެ ސަލާމަތަށް ނޭދެވޭ އަސަރުކުރާނޭ ކަމެއް ކަމަށްވާތީ، އެފަދަ ކަމެއް ނުކުރުމަކީ ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޔާން ނިންމާލަމުން، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދައިން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
