އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖުތަކަކީ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ބުނީ ހުއްދަ ނަގައިގެން ކުރިއަށްގެންދިޔަ ނަމަވެސް ފުލުހުންގެ ގާނޫނާވެސް ހިލާފަށް ސިޔާސީ ފަރާތްތަކުގެ އަމުރަށް އެ އިހުތިޖާޖުތައް ހުއްޓުވާ ކޮންމެ ރެއަކުވެސް އެތައް ބަޔަކު ހައްޔަރުކޮށް އަނިޔާކުރަމުންދާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖުގެ ތެރެއަށް ފުލުހުންވަދެ ވަރަށް އަނިޔާވެރި ކަމާއެކު ބާރުގެ ބޭނުންކޮށް އެތައް ބަޔަކުވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި އިހުތިޖާޖުގެ ބައިވެރިން އަޑު އުފުލުމަށް ބޭނުންކުރި މުދަލަށް ގެއްލުންދީ އޭގެތެރެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ފުލުހުންގެ އެ އަމަލު ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިިކޮށްފައެވެ.

އިދިކޮޅުން ބުނީ މިއީ ސަރުކާރުން އަންގައިގެން އިދިކޮޅުގެ އަޑު ކަނޑުވާލުމަށާއި ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުންނަށް ކުރާ ޣައިރު ގާނޫނީ އަމުރުގެ ތެރެއިން ހިންގާ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލުތަކެއް ކަމަށާއި މި ކަންކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަހުގީގުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

އިހުތިޖާޖުތައް ކުރިއަށްދާއިރު ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕެރެންސީ މޯލްޑިވްސް ފަދަ މުއައްސަސާތަކުން ފުލުހުންގެ އަމަލުތައް މޮނިޓާ ކުރުމަށާއި ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުގެ ތެރެއިން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް އިންޒާރެއް ދިނުމެއްނެތި މީހުން ހިފާ ހައްޔަރުކޮށް ހައްޔަރީންނަށް އަނިޔާ ނުކުރުމަށްވެސް ފުލުހުންނަށް ވަނީ އިދިކޮޅުން ގޮވާލާފައެވެ.