މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އެދިފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ނިސްބަތަށް އައި ބަދަލުގެ ސަބަބުން، މަޖިލީހުން ފާސްކޮށްފައި އޮތް އުސޫލާ އެއްގޮތަށް ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށް މޭ 23، 2023 ގައި ވޯޓަށް އެހަން ނިންމާފައި ވަނިކޮށް ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގެންނެވި ކަމަށް މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިޔުޝާ ވިދާޅުވުމާ ގުޅިގެންނެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތްއިރު އެފަދައިން އަމަލުނުކުރައްވާ ކަމަށާއި މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އެކަމުގައި ބަސްބުނުމުގެ ފުރުސަތު ވެސް ދެއްވާފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ 64 ޕަސެންޓް މެޖޯރިޓީ މަޖިލީހުގައި އޮތް ކަމަށާއި މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި ދަންނަވާފައިވާ ކަމަށްވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރަންވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮޓީތައް އަބަދުވެސް ދެމި އޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާއާއި 131 ވަނަ މާއްދާގައި ދާއިމީ ކޮމިޓީތަކުގައި ތިބޭ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީން އެ މެންބަރުން ވަކިވުމުން އަމަލުކުރަންޖެހޭ ހަމަ ބަޔާންކޮށްފައިވާ ކަމަށާއި މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުވެއްޖެނަމަ ނުވަތަ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެ މެންބަރަކު ވަކިވެއްޖެނަމަ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް އަންނަ ނުވަތަ ގެނެވޭ އެއްވެސް ހާލަތެއް ނޯންނަ ކަމަށެވެ.

އަސްލަމް ވަނީ މަޖިލީހަށް ހުށައެޅިފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ ގަރާރަށް ބަހުސްކުރާނެ ވަގުތު ކަނޑައަޅައި ދެއްވުމަށް އެދިފައެވެ. އަދި މާދަމާއަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމު ކުރާކަމުކަން ފާހަގަކުރައްވާ އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާ ކުރެވޭ އެއްވެސް ހާލަތެއް ބަޔާކޮށްފައި ނުވާތީ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެން ޑާކޮށްދެއްވުމަށް ވެސް އެދިފައެވެ.