ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅިގެން އާބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމަށް މިއަދު ބޭއްވި ބޮޑު އިވެންޓު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދުނިޔެ މަގޭ– ކްލީނަޕް ޗެލެންޖް ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އާބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވި މި ހަރަކާތަކީ މިފަދަ ދެވަނަ ކްލީން އަޕް އިވެންޓު ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، މިއަދު ހެނދުނު 7:30 އިން ފެށިގެން 10:30 އާ ހަމައަށް ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ސަރުކާރު ކުންފުނިތަކާއި، މިނިސްޓްރީތައް އަދި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، އެކި ޖަމިއްޔާތަކުން ޖުމްލަ 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ޖުމްލަ 7 ބަޔަކަށް ބަހާލާ އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ޓީމުތައް ބަހައިގެން ސާފުކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، ކޮކާ ކޯލާ، މޯޕާ، އަދި ވެމްކޯގެ އިތުރަށް އެމްޕީއެލް، އެމްއާރްސީ، ބުރުޒު ކޭޓަރިން، އަދި ވެލިގާ ހާޑްވެއާ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

މި އިވެންޓު ނިންމާލުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގެ ތެރޭގައި އާބަންކޯގެ ފަރާތުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، މި އިވެންޓުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދެވޭ ކަމަކަށް ހެދުމަށް އާބަންކޯގެ ފަރާތުން މިއަދު ހާއްސަ ޗެލެންޗެއް ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، މިއަދު ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވާނީ ސްޓެލްކޯއަށް ކަމަށާއި މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އާބަންކޯގެ ފަރާތުން ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާބަންކޯއިން މި ހަރަކާތް ކުރިއަށްގެންދިޔަ އިރު، އާބަންކޯގެ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކުރިއަށް ގެންދެވޭ މި ނޫން ވެސް ހަރަކާތްތައް މި އަހަރު ތެރޭގައި ރާވާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.