މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތުގެ ތެރެއިން މިހާރު ގުޅީފަޅު އެއްގަމުގެ ބްރިޖްގެ ޑެކްގެ މަސައްކަތް ފަށައިފި ކަމަށް ބުނެފިއެވެ.

މި ޕްރޮޖެކްތްގެ އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރައްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، ގުޅީފަޅުގައި ޕްރީކާސްޓް ޔާޑްގައި ބްރިޖްގެ ޑެކް ސެގްމަންޓް ކާސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ގުޅީފަޅަށް ބްރިޖް ގުޅުވާލާ ސަރަހައްދުގެ އެއްގަމުގައި ބްރިޖްގެ ޑެކްގެ މަސައްކަތް ފަށާފައި ވާ ކަމަށެވެ. ގުޅީފަޅުގައި ބްރިޖް ޑެކްގެ މަސައްކަތް ފަށާފައިވާ އިރު، މާލެއިން ވެސް ބްރިޖް ޑެކްގެ މަސައްކަތް ފަށައި އެ މަސައްކަތް ދަނީ ކުރަމުން ކަމަށް ޖިނާން ވިދާޅުވިއެވެ.

ހަަމައެއައެކު މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވިލިމާލެ އާއި ގުޅީފަޅުގައި އެއްގަމުގައި ވެސް ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް އަންނަނީ ކުރަމުން ކަމަަށް ޖިނާން ވިދާޅުވިއެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖްގައި އެންމެ ފުރަތަމަ ނިންމަން ކަނޑައަޅާފައިވާ ސެގްމަންޓްގައި މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް އެކި ފުންމިނުގައި 50 ތަނބު ޖަހައެވެ. އެއިން ކޮންމެ ތަނބެއް ޖަހާއިރު އެ ތަނބު ކައިރީގައި ފުރަތަމަ ޖަހަނީ ޕައިލް ތަކެކެވެ. އެގޮތުން ބައެއް ތަނބުތައް ވަށައިގެން ހަ ޕައިލް ނުވަތަ ހަތަރު ޕައިލް ޖަހައެވެ.

ބްރިޖްގެ މަސައްކަތްތައް ނިމޭލެއް ލަސްކަމަށް ބައެއް ފާރާތްތަކުން ފާހަގަ ކުރަމުން އަންނަ އިރު، މި މަޝްރޫއަކީ މި ސަރުކާރުން ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ. ބައެއް ފާރާތްތަކުން ބުނަމުން އަންނަނީ އެ މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރި ތާރީހަށް ނުނިމޭނެ ކަމަށެވެ.

ބްރިޖް މަޝްރޫއުގެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަކީ މާލެއިން ގުޅީފަޅާ ދެމެދު އަޅާ ބްރިޖް ކަމަށާއި އެ ފިޔަވެހީގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގައި ނިންމާލެވޭނެ ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދެވަނަ ފިޔަވައްސަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓަށް ހަދާ ބައި ކަަމަށާއި އެބައި ނިންމާނެ ތާރީހަކީ މެއި 2024 ކަމަށް ބުނެފައި ވެއެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަަކީ 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެ މަޝްރޫއެކެވެ. މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

ބްރިޖުން ދުއްވޭނެ ކަމަށް ބުނެ މީގެ ކުރިން ވެސް ތާރީހުތައް ދިނެވެ. ނަމަވެސް ޝެޑިއުލަށް ވުރެ ލަސްވެފައި ވާ ކަމަށް ޕްލޭނިން މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ.