ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމަށް ގުޅާ ޑެސްފަރަލް ރާއްޖެއިން ހުސްވި މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެމްއެންޕީން ހުށަހަޅައިފިއެވެ.

ޑެސްފަރަލްއަކީ ލޭއެޅުމަށްފަހު ތެލިސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ވަކި މިންގަނޑެއްގައި ހިފަހެއްޓުމަށް ބޭނުންކުރާ ބޭހެކެވެ.

މި ބޭސް ރާއްޖެއިން ހުސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި އެކު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު ލަވަކިޔުންތެރިޔާ މާއިން ރަޝީދު، ކުރި ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި މިވަގުތު ހުރި ޑެސްފަރޯލްގެ މުއްދަތު މިދިޔަ މަހު ހަމަވެފައި ކަމަށާއި ދެން އެންމެ އަވަހަށް ވެސް ޑެސްފަރޯލްގެ ސްޓޮކެއް ރާއްޖެއަށް ލިބޭނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެންޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑެސްފަރޯލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިންނާ އެކުދިންގެ ޢާއިލާއިން ކުރަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމުން، ރާއްޖޭގައި ހުރި ޑެސްފަރޯލްގެ ސްޓޮކް ފާއިތުވި މޭމަހު މުއްދަތު ހަމަވެ، ރާއްޖޭގައި މިހާރު ޑެސްފަރޯލް ލިބެން ނެތްކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޑެސްފަރަލް އަކީ ތެލެސީމިއާ ބަލިކުދިންނަށް ވަގުތުން ވަގުތަށް ކޮންމެހެން ބޭނުންވާ ބޭހަކަށްވާއިރު ޑެސްފަރަލް ހުސްވެ، ނުލިބޭ ހާލަތަކަށް ނުދާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ވީއެންމެ އަވަހަކަށް ޑެސްފަރަލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މިފަދަ ހާލަތެއް ތަކުރާރު ނުވާނެހެން އެކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރުމަށް ފިޔަވަޅު އަޅައިދިނުމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ޑެސްފަރަލް ހުސްވެ ނުލިބެން ދިމާވި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ވެސް އެ ޕާޓީގެ ސިޓީގައި އެދިފައިވެއެވެ. އަދި އެ މައްސަލާގައި މީޑިއާތަކުން ހެލްތު މިނިސްޓްރީ އާއި ތެލެސީމިއާ ސެންޓަރަށް ކުރިމަތިކުރުވި ސުވާލުތަކަށް އެ އިދާރާތަކުން ޖަވާބު ނުދިނުމަކީ ވެސް އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ޔަގީންވާ ކަމެއް ކަމަށް އެ ސިޓީގައިވެއެވެ.

މި މައްސަލާ ގުޅިގެން ހެލްތް މިނިސްޓްރީންގެ ބަހެއް އަދި ނުލިބެއެވެ.

ރާއްޖޭގައި ތެލެސީމިއާ ހާލަތު ދެނެގަތުމަށް 1988 ވަނަ އަހަރުން ފެށިގެން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) ގެންދަނީ އެތައް ޕްރޮގްރާމެއް ހިންގަމުންނެވެ. ރިސޯޓުތަކާއި އާންމުން ދިރިއުޅޭ ރަށްރަށުގައިވެސް ލޭ ހޯދުމަސް ގިނަ ޕްރޮގްރާމް ތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ތެލަސީމިއާގެ ހާލްތު ރާއްޖޭގައި ރަނގަޅު ކުރުމަށް ޝީ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ޝީ އިން ޑީއެންއޭ ޓެސްޓް ކުރުމުގެ ހިދުމަތް ދޭން ފަށާފައި ވަނީ 2005 ވަނަ އަހަރެވެ.

ރާއްޖޭގައި އެންމެ ފުރަމަތަ ތެލަސީމިއާ ބަލި ފާހަގަވި ހިސާބުން ފެށިގެން މިކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ސަރުކާރާއި އަމިއްލަ ޖަމިއްޔާ ތަކުން ތަފާތު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދާއިމީކޮށް ބޭނުންވާ ބޭސް ލިބޭނެ ގޮތް އަދި ލޭއެޅޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައި ވާއިރު ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި މިކަމާ ގުޅޭ ހާއްސަ ގާނޫނެއް ވެސް 2012 ވަނަ އަހަރު ވަނީ ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ކައިވެނި ކުރަން ބޭނުންވާ ދެ މީހުން ތެލަސީމިއާ އަށް ޓެސްޓް ކުރަން ޖެހެއެވެ.