ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާބަންކޯގެ ފަރާތުން މި އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވެފައިވާ ދުނިޔެ 'މަގޭ – ސާފު ހުޅުމާލެ' މެގާ ކްލީނިން އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އާބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ބާއްވާ އެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ގިނަ ކުންފުނިތަކާއި މިނިސްޓްރީތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު މާލެއާއި ހުޅުމާލޭގެ ސްކޫލްތަކާއި ހުޅުމާލެ ހޮސްޕިޓަލުން ވެސް ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ގައި ޗެނަލް ޕާކު ސަރަހައްދުން އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވާއިރު އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާބަންކޯއިން ބުނީ ޖުމްލަ 7 ސަރަހައްދަކަށް ބަހާލުމަށް އެ ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު ބައިވެރިންގެ ތެރެއިން އެ ސަރަހައްދުތަކަށް ގްރޫޕްތައް ބަހާލާނެ ކަމަށާއި ކޮންމެ ގްރޫޕަކަށް ވެސް ވަކި ސަރަހައްދެއް އެލޮކޭޓްކުރާއިރު ފެނާއި ކުނި އަޅާނެ އަދި ކުނި ކަހާނެ ސާމާނާއި އަންގި ފަދަ ތަކެތި އެ ސަރަހައްދުތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި 10:45 ގައި ސާފުކުރުމުގެ ހަރަކާތް ނިންމާލަން ހަމަޖެހިފައިވާއިރު ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ ވޯޓަ ސްޕޯޓްސް އެކްޓިވިޓީއަކާއެކު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެ ހަރަކާތުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި ޑެންގޫ ފަދަ ބަލިތައް ފެތުރުމާއި މަދިރި އާލާވުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް ބަލައި އެކަންކަން ހައްލުކުރުމުގެ މަގްސަދުގައި ކަމަށްވާއިރު އާންމު ފަރުދުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް އާބަންކޯއިން ފާހަގަކުރެއެވެ.
އާބަންކޯއިން އިތުރަށް ބުނީ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދާއިރު މި އަހަރު ތެރެއަށް ބަހާލައިގެން އެހެން ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.