ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަޝްވަރާގެ މަތިން ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތްތައް ކުރިއަށް ގެންދަނީ ރައީސްގެ މަޝްވަރާގެ މަތިން ކަމަށެވެ.

ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވާ ހުރިހާ މެންބަރުންނާ ރައީސްއާ މަޝްވަރާ ކުރެވޭ ކަމަށާއި އެބޭފުޅުން ރައީސްއާ އޮންނަ ގުޅުންވެސް ރަނގަޅު ކަމަށް މިއުވާން ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށް 54 މެންބަރުންގެ ސޮއާއެކު އިއްޔެ މަޖިލީހަށް ހުށަހަޅާފައިވާއިރު މިއަދު މަޖިލީހުން ބުނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން ހުށަހަޅާފައި ވާ މި ދަނޑިވަޅުގައި އެ ދެބޭފުޅުން މަގާމުން ވަކިކުރަން ބޭނުން ވަނީ 44 ވޯޓެވެ. އެމްޑީޕީގެ މެޖޯރިޓީ މިވަގުތު މަޖިލީހުގައި އޮތުމުން އެކަން ކުރުމަކީ އުނދަގޫ ކަމަކަށް ނުވާ އިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރުމުގެ މައްސަލަ މީގެ ކުރިން ވައްދާފައި އޮތުމުން، އޭނާ ވަކި ކުރުމުގެ މައްސަލަ ތަޅުމަށް އެޖެންޑާ ކުރުމަށް 14 ދުވަސް ލިބޭ އިރު އެ މައްސަލަ ވަނީ މިމަހުގެ 11 ވާ އާދީއްތަ ދުވަހަށް ތާވަލް ކޮށްފައެވެ.

މަޖިލީހުގެ ރައީސް އައި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހެޅިފައި ވުމުން ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ އެންމެ ގިނަ ދުވަސް ވީ މެންބަރެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދި މިއީ މަޖިލީހުގެ މުޅި ތާރީހުގައި ވެސް، ރައީސެއްގެ އިތުބާރު ނެތް ކަމަށް އެންމެ ގިނަ އަދަދެއްގެ ސޮއި އެންމެ އަވަހަށް ހަމަކޮށް މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.